ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ދަތުރުފަތުރު ކުރުމުގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އެކަމާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުމުގެ އުސޫލަށް ސްރީލަންކާގެ ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މެއި 11، 2021 ވަނަ ދުވަހުން ފެށިގެން މެއި 31، 2021 ގެ ނިޔަލަށް، އެ މުއްދަތުގެ ތެރޭގައި އެ ގައުމަށް ދަތުރުކުރާ އެންމެހާ ފަރާތްތައް (ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ހިމެނޭހެން)، އެ ގައުމުގެ ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ހޮޓަލެއް، ނުވަތަ ކަރަންޓީނު ސެންޓަރެއް، ނުވަތަ ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ލެވެލް 1 ގެ ހޮޓަލެއްގައި 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ގައުމަށް ދަތުރުކުރާ 12 އަހަރުން ފެށިގެން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ދޫކުރެވޭނީ، އެ ގައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" ޕީސީއާރް ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެރައިވަލް އަދި ކަރަންޓީނުން ވީއްލާއިރު ހަދާ ޕީސީއާރް ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުން ދަށުގެ ކުދީން އެކަންޏައް ކަމަށެވެ.

ކަރަންޓީނު ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައި ވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނު ވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައިވެސް ފަހިވެފާ އޮންނާނެ ކަމަށް އެ ގައުމުން އަންގަވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެން ވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ތަންފީޒު ކުރާ އާ ފިޔަވަޅުތަކުގެ ތެރޭގައި:

  • ޕްރޮވިންސްތަކުގެ މެދުގައި ކުރާ ދަތުރުތައް ހުއްޓާލުން
  • ހުރިހާ އެއްވުންތަކާ ބައްދަލުވުންތައް ކެންސަލް ކުރުން
  • ވިޔަފާރި ކުރާ ތަންތަނުގައި އެއް ވަގުތެއްގައި އެންމެ ގިނަ ވަގެން ތިބެވޭނެ މީހުންގެ އަދަދު ލިމިޓް ކުރުން
  • އިންފެކްޓް ވެފައިވާ މީހުން ގިނަ ސަރަހައްދުތައް އައިސޮލޭޓް ކުރުން ހިމެނެއެވެ.

މި ފިޔަވަޅުތަކަކީ މި ހިނގާ މެއި 30، 2021 ގެ ނިޔަލަށް ތަންފީޒު ކުރަމުންދާނެ ފިޔަވަޅުތަކެއް ކަމަށް ހަބަރު ލިބެއެވެ.