އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ދިވެހި ޒުވާނުން ސައިކަލް ރެލީއެއް ބާއްވައިފިއެވެ.

އެސައިކަލް ރެލީ ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހު ހުޅުމާލޭގައެވެ.

އެ ސައިކަލް ރެލީގައި ޒުވާނުން ވަނީ ދިވެހި ސަރުކާރުން އިސްރާއީލްގެ ޔަހޫދީން މި ގައުމަށް ފަތުރުވެރިންގެ ގޮތުގައި ގެނައުން ހުއްޓާލުމަށް ވެސް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައިގެން ވިޔަސް އިސްރާއީސް ބައިކޮޓް ކުރުމަށް ރެލީގައި ބައިވެރިވި ޒުވާނުން ވަނީ ގޮވާލާފައެވެ.

ރަމަޟާންމަހުގެ ފަހުދިހައަކުން ފެށިގެން އިސްރާއީލުން އަނެއްކާވެސް ވަނީ ފަލަސްތީނަށް ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެނުންވެސް ހިމެނެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ސިލްސިލާ ގޮތެއްގައި ހިންގަމުންދާ ހަމަނުޖެހުންތައް މިފަހަރު ހޫނުވެފައި ވަނީ، އިރުމަތީ ގުދުސްގެ ޝައިހް ޖައްރާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގެތަކުން ނެރުމަށް އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން ފަށާފައިވާ ކެމްޕޭންގެ ސަބަބުންނެވެ.