2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރޮކެޓް ސްޕީޑްގައި ފެތުރި، އާލަމީ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ އިނދަޖައްސާލި އަސްލާ، އޭގެ ސަބަބުތައް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާއްސަ ޕެނަލެއް އެކުލަވާލީ މީގެއް 1 އަހަރު ދުވަސް ކުރިންނެވެ.

މި ޕެނަލަކީ މި ބަލިމަޑުކަމަށް ދުނިޔެ އިޖާބަ ދިން ގޮތުގެ މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ، ތަފްސީލީ ތަހުގީގުތަކެއް ހިންގަން ހަވާލު ކުރެވުނު ޕެނަލެކެވެ. އެ ޕެނަލުން މަސައްކަތް ފެށީ ސެޕްޓެމްބަރު 2020 ގައެވެ. މިއީ 2021 ވަނަ އަހަރުގެ މެއި މަހެވެ.

ރިޕޯޓް އޮތީ ލިޔެ ނިމިފައެވެ. އެއް ފަހަރުވެސް ޗައިނާއަށް އިލްޒާމުގެ އިނގިލި އަމާޒު ކޮށްފައެއް ނެތެވެ. ބަލީގެ ހަގީގީ ކޭސް ނަންބަރު ފޮރުވަން ޗައިނާއަށް މަސައްކަތް ކުރި ކަމުގެ ވާހަކަ ނެތްތާ، ބަލީގެ ހަގީގަތް ހާމަ ކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ޗައިނާގެ ހުދުމުހުތާރު ސަރުކާރުން ބޭނުން ކުރަމުންދިޔަ ހަރުކަށި އުސޫލުތަކުގެ ވާހަކަވެސް އެ ރިޕޯޓަކު ނެތެވެ.

ޗައިނާގެ ވޫހާން ސިޓީގައި ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުން ހަރަކާތްތެރި ވަނީ / ފޮޓޯ: އޭޕީ

އަދި ކިއެއްތަ، ވޫހާންގައި ބޮޑު ރޯގާއެއް ފެތުރެމުންދާ ކަން ރިޕޯޓް ކުރުން ލަސްކުރި ސަބަބާ މެދުވެސް ސުވާލެއް އުފައްދާފައި ނުވެއެވެ.

ރިޕޯޓްގައި ތަފްސީލީ ގޮތެއްގައި ބަލާލާފައި ވަނީ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރުގެ ވާހަކަތަކެވެ. ވަކި ގައުމެއް، ވަކި ލީޑަރެއްގެ ނަމެއް ނެތެވެ. ރިޕޯޓް ލިޔުނީ ޑަބްލިއުއެޗްއޯއިން އެކުލަވާލި ޕެނަލަކުންނެވެ. މިއީ، ބަލި ޖައްސާ ވައިރަހުގެ އަސްލު ދެނެގަތުމަށް ވޫހާންގައި ތަހުގީގު ހިންގި ތަޖުރިބާކާރުންގެ ޕެނަލާ، ތަފާތު ޕެނަލެކެވެ.

ރިޕޯޓް އެކުލަވާލި ޕެނަލުން އިސްކަން ދިނީ ބައިނަލްއަގުވާމީ ބަލިމަޑުކަމަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވީ ގޮތުގެ މައްޗަށެވެ. ރިޕޯޓް ލިޔުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ނިއުޒީލަންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް އަދި ލައިބީރިއާގެ ކުރީގެ ރައީސް އެލެން ޖޯންސަން ސާލީފްއެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: އޭބީސީ 30

"ކޮވިޑް-19: މޭކް އިޓް ދަ ލާސްޓް ޕެންޑަމިކް" ނުވަތަ "ކޮވިޑް-19: އެންމެ ފަހު ބަލިމަޑުކަމަށް ހަދާ" މި ނަމުގައި ލިޔެފައިވާ 86 ސޮފުހާގެ މި ރިޕޯޓަކީ، ޖީ20 އިން ހޮސްޓް ކުރާ، ގްލޯބަލް ހެލްތު ސަމިޓްގައި، ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނަށް ހުށަހަޅާނެ ރިޕޯޓެކެވެ.

މި ރިޕޯޓްގައި ކޮވިޑް-19ގެ ކާރިސާ ސިފަކޮށްފައި ވަނީ، 21 ވަނަ ގަރުނުގެ ޗަރުނޮބީލް "ހިނދުކޮޅު"ގެ ގޮތުގައެވެ. އެ ހިނދުކޮޅަކުން ސަލާމަތްވާނެ ފުރުސަތު އޮވެމެ، ނުވި ވަގުތުކޮޅެއްގެ ގޮތުގައެވެ.

ކޮވިޑް-19އަކީ ދުނިޔެއަށް ޒަހަރަކަށް ވީ މައިގަނޑު 3 ސަބަބާ ހެދި ކަމަށް ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ. އެގޮތުން ދުނިޔޭގެ ލީޑަރުންގެ "ތާކުން ތާކު ނުޖެހޭ" ނިންމުންތަކާ، ތަފާތު ތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ ލީޑަރުން ފަސްޖެހުމާ، އެކުގައި މަސައްކަތް ކުރުމުގައި ހުރި ފެއިލްވުންތަކަކީ، ގެއްލުންދެނިވި އިންސާނީ ކާރިސާއަކަށް ކޮވިޑް-19ގެ ބަލިމަޑުކަން ވީ ސަބަބުތަކެއް ކަމަށް ބުނެވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ވޫހާންގެ ސީފުޑް މާކެޓް ސަރަހައްދުގައި ޕީޕީއީގައި ބަޔަކު ހަރަކާތްތެރި ވަނީ / ފޮޓޯ: އިންޑިޕެންޑެންޓް

ފަހަރެއްގައިވެސް ވޫހާންއިން ބަލި ފެށިގެން އައި ގޮތުގެ އެއްވެސް ތަފްސީލެއް މި ރިޕޯޓްގައި ނެތެވެ. ޑަބްލިއުއެޗްއޯގެ ތަހުގީގުތަކުން އެނގޭ ގޮތުގައި، ނުރައްކާތެރި ރޯގާއެއް ފެތުރެމުން އަންނަ ކަން، ޗައިނާއިން ޑަބްލިއުއެޗްއޯއަށް އެންގުމުގެ މާ ކުރިން، އެ ގައުމުން ވަނީ ވައިރަސް ސީކުއަންސް ކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ޗައިނާގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.

ތަހުގީގު ޓީމުން ވަނީ ޑަބްލިއުއެޗްއޯ ފެއިލްވި 2 ކަމެއްވެސް ފާހަގަކޮށްފައެވެ. އެއް ކަމަކީ، ކޮވިޑް-19އަކީ ކުއްލި ނުރައްކަލުގެ ދަރަޖާގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަން ކަނޑައެޅުމަށް ޑަބްލިއުއެޗްއޯއިން މާ ބޮޑަށް ލަސް ކުރި ކުރުމެވެ. އެގޮތުން ޖެނުއަރީ 30، 2020 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށް ޓީމުން ބުނެއެވެ.

ނުރައްކާތެރި 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޮތް ހާލުބޮޑު މީޙަކަށް ފަރުވާ ދެނީ/ފޮޓޯ: އޭޕީ ފޮޓޯ

މީގެ އިތުރުން އިންސާނުންގެ މެދުގައި ވައިރަސް ފެތުރިގެން ދާ ދިއުމާ މެދު ފުރަތަމަ ދުވަސްކޮޅު، އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުނުކަންވެސް ފާހަގަ ކޮށްފައިވެއެވެ.

ޖެނުއަރީ 30، 2020ގައި ޑަބްލިއުއެޗްއޯއިން އިންޒާރު އިއުލާން ކުރި ކަމުގައި ވީ ނަމަވެސް، ތިމާގެ ގައުމަށް އެކަމުގެ އަސަރު ނުފޯރާނެ ކަމަށް ބަލާ، ގައުމުތަކުން މަހެއްހާ ދުވަސް ބޭކާރު ކުރި ކަމަށް ރިޕޯޓް ބުނެއެވެ.

ކަން މިހެން އޮތް އިރު، ދުނިޔެއަށް ކުރިމަތިވާ ސިއްހީ ނުރައްކާތަކާ ގުޅޭ އާ ކައުންސިލެއް އުފެއްދުމަށްވެސް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.