ޓެރަަރިސްޓް ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ވަޑައިގަތުމަށްޓަކައި ވެލާނާ އެއާޕޯޓަށް ވަޑައިގެންނެފިއެވެ.

ދާދި ދެންމެ އޭޑީކޭން އެމްބިއުލާންސްގައި ނަޝީދު ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ނަޝީދު އެއާޕޯޓަށް ވަޑައިގެންފައި ވަނީ ސިފައިންނާއި ފުލުހުންގެ ހައި ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައެވެ. ގޮއްވާލި ބޮމުގެ ބާރުގަދަ ކަމުގެ ސަބަބުން، ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭދާފުއްތަކުގެ ތެރެއިން ފުއްތަކެއް ނަޝީދުގެ ހަށިކޮޅަށް ވަނީ ވަދެފައެވެ. 16 ގަޑި އިރުގެ އޮޕަރޭޝަނަކަށް ފަހު ނަޝީދުގެ ހާލުކޮޅު އައީ ރަނގަޅުވަމުންނެވެ.

މިއަދު ޖެރުމަނަށް ފުރާވަޑައިގަންނަވާ އިރު، އެނދުން ތެދުވެވަޑައިގެން ގޮނޑިގައި އިށީނދެ ވަޑައިގަންނަވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަޝީދު ވަނީ އިއްޔެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނާއެކު ސެލްފީއެއްވެސް ނަންގަވާފައެވެ. ކޮޅައް ހުއްނަވާ ނަންގަވާފައިވާ ސެލްފީއަށް ފަހު، ނަޝީދު ވަނީ އިއްޔެ އީދު ދުވަހުގެ ތަހުނިޔާ ދިވެހިންނަށް ދަންނަވާފައެވެ.