ދިވެހިރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށް ގިނަ ބަޔަކު ގާބޫލުކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓު އާނމު ކުރި އިރު އެ ލިސްޓުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) ގެ ނަމެއް ނެތެވެ.

ދައުލަަތަށް 4 ބިލިއަން ރުފިޔާ ގެއްލުނު މި މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ވަނީ މިއަދު ހިޔާނާތުގެ ލިސްޓުގެ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ލިސްޓް އާންމު ކޮށްފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނޭ ގޮތަށް އެ ސަރުކާރުގައި އިސް މަގާމުތައް ފުރުއްވި ބައެއް ބޭފުޅުންނާއި، ސިފައިންނާއި ފުލުހުންނާއި އަދި ބައެއް އެމްޕީން ވެސް އެ ލިސްޓުގައި ހިމެނެއެވެ.

ހިޔާނާތުގެ ލިސްޓް އާނމުކޮށްފައިވާ އިރު މީގެ ކުރިން ވަނީ އެލިސްޓުގައި ތިބި މީހުން ކަމަށް ބުނެ ލިސްޓެއް ލީކްވެފައެވެ. ލީކް ވި ލިސްޓުގައި ސާބެވެސް މި ހިޔާނާތުގައި ބައިވެރިވެފައިވާ ކަމަސް ވެއެވެ. ލީކްވި ލިސްޓުގައި ސާބެގެ ނަން އޮތް އިރު އޭނާއަށް ލިބިފައި ވަނީ 3 މިލިއަން ރުފިޔާ ކަަމަށް އެ ލިސްޓުގައި ބުނެއެވެ. އަދި އެ ފައިސާ އޭނާއަށް ދީފައި ވަނީ "މިންޖުވާން" ގެ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހަރަދުގެ ގޮތުގައި 3 މިލިއަން ރުފިޔާ ހާމިދު ސޭޓުގެ ކުންފުނި މެދުވެރިކޮށް ކަމަށް އަދީބުގެ ބަޔާނުގައި ބުނެފައިވާ ކަމަށް ވެއެވެ.

ސާބެއަކީ އެމްޑީޕީ އުފެދުނީއް ސުރެ، އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްމުން އަންނަ ބޭފުޅެކެވެ.

ލީކްވި ލިސްތާ ގުޅިގެން މިވަގުތު އެ ހިޔާނާތް ދިރާސާ ކުރައްވަން ކޮމިޓީގައި އީވާ ހުންނެވުމަކީ މަސްލަހަތަށް ފުށޫއަރާ ފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 281 މީހަކަށް މަންފާ ލިބިފައި ވާއިރު، އެ ލިސްޓް ދިރާސާ ކުރާ ކޮމިޓީން ފުރަތަމަ ނިންމާފައި އޮތީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށޫއަރާ މެންބަރުން ކޮމިޓީގަައި ނުތިބުމަށެވެ. އެހެންވެ ދެ ކޮމިޓީން ވެސް ބައެއް މެންބަރުން ވަނީ ލިސްޓު ލިބުނު ހިސާބުން ވަކިވެފައެވެ.

ނަމަވެސް އެ ކޮމިޓީގައި މައްސަލަ ދިރާސާ ކުރަން އީވާ ހުންނަވައެވެ. މީގެ ކުރިން ވެސް އީވާ އަކީ އެ ކޮމެޓީގެ މެންބަރެކެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ މަސައްކަތްތަކުގައި ބުރަވެދާނެ ކަމަށް ބަލާފަ އީވާ ވަނީ ކޮމިޓީން ވަކިވެވަޑައިގެންފައެވެ.

އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އެސެޓް ރިކަވަރީ ކޮމިޝަނުން ހިޔާނާތުގެ ލިސްޓް މަޖިލީހަށް ހުށަހެޅުމާއެކު 241 ކޮމިޓީން އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ދުރަށް ޖެހިވަޑައިގަތެވެ. އަދި އެ ކޮމިޓީގައި އޭނާގެ ބަދަލުގައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އައްޔަން ކޮށްފައެވެ. ނަމަވެސް ފަހުން އަލީ އާޒިމްގެ ބަދަލުގައި އަނެއްކާ ވެސް އީވާ ކޮމިޓީއާ ވަނީ ގުޅިވަޑައިގެންފައެވެ.