އަޅުކަމަށް އެދިގެން މުސްލިމުންގެ އެންމެ މުޤައްދަސް ބިނާ ކަމުގައި ވާ މަސްޖިދު އަލް-ހަރަމްއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް، އެންމެ ފުރިހަމައަށް ހިދުމަތް ކުރުމަށް ސައުދީ އަރަބިއްޔާއިން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދުނިޔޭގެ އެންމެ ބޮޑު، ފިނިކުރާ ނިޒާމްތައް އެ މިސްކިތުގައި ހަރުކޮށްފިއެވެ.

މި ނިޒާމްތަކަކީ އަލްޓްރާވައިލެޓް އަލީގެ އެހީގައި ވައި ސާފުކުރާ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް، ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމްތަކުގެ އެހީގައި، ދުވާލަކު 9 ފަހަރެއްގެ މަތިން، މިސްކިތުގެ ވައި ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. އަދި މިސްކިތް ތެރެއަށް ދޫކުރާ ވަޔަކީ، އެންމެ ފުރިހަމައަށް "ފަރުވާ ކޮށްފައިވާ" ވައިކަން ސައުދީއިން ކަށަވަރު ކުރެއެވެ.

ވައި ސާފު ކުރުމުގެ މަސައްކަތް ހިނގަނީ 3 މަރުހަލާއަކުންނެވެ. އެއީ ފަންކާތަކުގެ އެހީގައި ފިލްޓަރުތަކަށް ވައި ދަމާލުމުގެ މަރުހަލާ، ވައިގެ ތެރޭގައި އެކުލެވޭ ތަޣައްޔަރު ކުރަނިވި މާއްދާތައް ހިފާ މަރުހަލާ އަދި ސާފުވައި ދޫކުރާ މަރުހަލާއެވެ.

މަސްޖިދު އަލް-ޙަރަމްގެ އިދާރީ ބެލެހެއްޓުންތެރި އޮފިޝަލެއް ކަމަށްވާ، ޑައިރެކްޓާ އޮފް އޮޕަރޭޝަން އެންޑް މެއިންޓަނަންސް، މުހްސިން އަލް-ސަލާމީ ވިދާޅުވީ، މިފަދަ 2 ނިޒާމެއް މިސްކިތުގައި ބަހައްޓާފައި ވާނެ ކަމަށެވެ.

ދީނީ އަޅުކަން އަދާ ކުރުމަށް މަސްޖިދު އަލް-ޙަރަމަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރުކުރުމަށްޓަކާ ސައުދީއިން ދަނީ ސިލްސިލާ ގޮތެއްގައި ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މި ފިޔަވަޅުތަކަކީ ޒަމާނީ ޓެކްނޮލޮޖީވެސް އެކަމުގައި ޝާމިލު ކޮށްގެން އަޅާ ފިޔަވަޅުތަކެކެވެ.