އަވަށްޓެރި އިންޑިއާއިން ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓަކީ ދުނިޔެއިން ކަންބޮޑުވާންޖެހޭ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނިކޮށްފައި ވަނިކޮށް، އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސް ރިޕޯޓް ކުރާ މިންވަރު ދަށަށް ހިނގައްޖެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވީ ކަމަށް ރިޕޯޓް ކޮށްފައި ވަނީ، 329942 ކޭހެވެ. އަދި މަރުގެ އާ ކޭސްތަކެއްގެ ގޮތުގައި 3876 ކޭހެއް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލްތަކުގެ ޖުމުލަ އަދަދު ވަނީ 22.9 މިލިއަނަށް އަރާފައެވެ. އަދި މަރުގެ ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 249992 އަށް އަރާފައެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަމުން ދަނީ، ހަގީގީ އަދަދުތައް މިއަށްވުރެ އިތުރު ވާނެ ކަމަށެވެ.

ރޮއިޓާޒް ނިއުސް އޭޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެވަރޭޖުކޮށް، ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް، މުޅި ދުނިޔެއިންވެސް ކޮވިޑް މަރުގެ ކޭސްތައް ރިޕޯޓް ކުރަމުން ދަނީ އިންޑިއާއިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރާ ކޮވިޑް މަރުގެ ކޮންމެ 3 ކޭހަކުން 1 ކޭސް ރިޕޯޓް ކުރަނީ އިންޑިއާއިންނެވެ.

އިންޑިއާއިން ފާއިތުވީ 7 ދުވަހުގެ ތެރޭގައި ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އެވަރޭޖު އަދަދަކީ 390995 އެވެ.

އިންޑިއާއިން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކީ، ދުނިޔެއިން ކަންބޮޑުވާން ޖެހޭ ވަރުގެ ވޭރިއަންޓެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް ހަދާފައިވާ އިބްތިދާއީ ބައެއް ދިރާސާތަކަށް ބަލާއިރު، މި ވޭރިއަންޓަކީ، އިންތިހާ ހަލުވި މިނުގައި ފެތުރިގެންދާ ވޭރިއަންޓެކެވެ.