އިސްރާއީލް ސިފައިން ފަލަސްތީނުގެ ބިންތަަކަށް އަރާ، މަސްޖިދުލް އަގްސޯއަށް ގެއްލުންދީ، ހުރުމަތް ކަނޑާ، އަޅުކަން ކުރަން ތިބި މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ އިދިކޮޅު ކޯލިޝަން (ޕީޕީއެމް، ޕީއެންސީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މަސްޖިދުލް އަގްސާއަކީމުސްލިމުންގެ ފުރަތަމަ ގިބުލައެވެ. އެތަނުގެ ހުރުމަތްކަނޑާ ހުޅު ޖަހާ، އެތަނުގައި ނަމާދުކޮށް އަޅުކަންކުރުމަށް ހުރަސްއަޅާ، އަޅުކަމުގައި ތިބި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާނީ ހަމަލާތައް އިސްރާއީލުން ދަނީ ދެމުންނެވެ. މިކަން ކުށްވެރިކުރައްވާ އިދިކޮޅުން ބުނެފައިވަނީ އެ ކޯލިޝަނުން އަބަދުވެސް ދެމިއޮންނާނީ ހައްގުގެ މަގުގައި ތިބި މުސްލިމް ރައްޔިތުންނާއެކު ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު ކޯލިޝަން އަށް ނިސްބަތްވާ ހުރިހާ މެމްބަރުންގެ ނަމުގައި ވަނީ އިސްރާއީލުން ދެމުންގެންދާ އަނިޔާ އާމެދު ހަމްދަރުދީ ފާޅުކޮށްފައެވެ. އަދިހަމައެހެންމެ މާތްވެގެންވާ ރަމަޟާން މަހުގެ ފަހު ދިހައެއްގައި އަޅުކަންތައް އަދާކުރުމަށް ހުރަސްއަޅާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އިސްރާއީލްގެ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި ލާއިންސާނީ އުދުވާން ތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން މިހާތަނަށް ބަހެއް ނުބުނެ ތިބުމަކީ ވަރަށް ހިތާމަ ކުރާ ކަމެއްކަމަށްވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޯލިޝަނުން ވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރައީލުން ވެރިވެގަނެ އަދި ހާއްސަކޮށް މާތްވެގެންވާ އަގްސޯ މިސްކިތުގެ ހުރުމަތްކަނޑާ އެތަނުގައި އަޅުކަން ކުރުމަށް ހުރަސްއަޅާ ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކަާ ދެކޮޅަށް ދިވެހި ސަރުކާރުން ބަސްބުނުމަށް ގޮވާލާފައެވެ. އަދިހަމައެހެންމެ އެ އަަލުތައް ހުއްޓުވުމަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކާއެކު ސަރުކާރުން އިސްވެ މަސައްކަތްކޮށްދެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ދިވެހި ރައްޔިތުން މިއަދުގެ ސަރުކާރުގެ ކިބައިން އެދޭ އެންމެ ބޮޑު އެދުމަކީ މިފަދަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ސަރުކާރުގެ ފެންވަރުގައި ކުރެވެންހުރި ހުރިހާކަމެއް ކުރުން ކަމަށްވެސް އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން ގައްޒާއަށް ހަމަލާދިނުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް ރަމަޟާންމަހުގެ ފަހު ދިހަޔަށް އެޅުމާއެކު ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އެގައުމުން ރޭގެ ވަގުތެއްގައިވެސް ވަނީ މަސްޖިދުލް އަގްސޯއަށް އަމާޒުކޮށް ހަމަލާ ދީފައެވެ. އިއްޔެއާއި ރެއާ އެއްކޮށް ފަލްސްތީނުން ދިން ހަމަލާތަކުން 22 މީހުން ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އިސްރާއީލުން ހާމަކުރަނީ މިހަމަލާތައް ދުވަސްގަނޑަކަށް ދެމިގެންދާނެކަމަށެވެ. އަދި އެމީހުން ބޭނުންވަނީ މުޅި ގުދުސް އެކީގައި ކަމަށާއި، އެމީހުންގެ މަގްސަދު ހާސިލް ނުވަނީސް ފަހަތަކަށް ނުޖެހޭނެ ކަމަށް އިސްރާއިލްގެ ހައްދުފަހަނަައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫޫ ވެސް ވަނީ ބުނެފައެވެ.