އިތުރު ފަރުވާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާ އިން ބުނެފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއް ސައްތާރު ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ރައީސް ނަޝީދު ވިހާވެސް އަވަހަަށް ޖަރުމަނަށް ގެންދަން ވާން ޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމަށެވެ.

"ދަ ޕްރެސް" އިން ނާޒިމް އަށް ގުޅި ނަމަވެސް ފޯނު ނަގާފައެއް ނުވެއެވެ. އަދި މެސެޖަށް ޖަވާބު ދީފައެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ސައްހަކަމެއް ނޭނގެއެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ހުކުރު ވިލޭރޭ ދިން ވަރުގަދަ ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މެއާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވދާޅުވިއެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ލޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައިވާ ކަމަށެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.

ރައީސަކަށް އެފަދަ އަނިޔާއެއް ލިބޭފަދަ ހަމަލާއެއް އަމާޒުވެފައި ވާއިރު ފުލުހުން ބުނެފައި ވަނީ އެ މައްސަލަ އާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ވަނީ އެ މައްސަލައިގައި 3 މީހަކު ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ ކަމަށެވެ.