ހއ. ދިއްދޫ އިން ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 98 އަށް އަރައިފިއެވެ.
ދިއްދޫ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު 03:15 އާ ހަމައަށް އިތުރު 11 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 83 މީހުންނަކީ ޑައިރެކްޓު ކޮންޓެކްޓުންނެވެ.
އޭގެ އިތުރުން 11 މީހަކު ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވް ވިއިރު ފުރަ ބަންދުން ތިން މީހަކު އަދި ފްލޫ ސާމްޕަލް އިން މީހަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ދިއްދޫގައި ހަލުވިކަމާއި އެކު ބަލި ފެތުރުމުން ދާއިރު އެރަށު ކައުންސިލުން ވަނީ ހަށުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 09:30 އިން ހެނދުނު 06:00 އަށް މަގުމައްޗަށް ނިކުތުމާއި ބޭރުގައި އުޅުމަށް ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާއިރު އިއްޔެ ވަނީ އަދަދު 1091 އަށް އަރާފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35،815 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 9423 އަށް އަރާފައެވެ. މި ބަލިން 26،299 މީހުން ރަނގަޅު ވެފައި ވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ. މި ބަލީގައި 87 މީހަކު ވަނީ ނިޔާވެފައެވެ.