އިރު އޮއްސެމުން ދިޔަ ވަގުތެވެ. ލަތީފާ އަވަދިނެތި ބަދިގެ ތެރޭގައި ހޭލަމޭލައަށް އުޅެމުން ދިޔައީ ރޯދަ ވީއްލާނެ އެއްޗިހި ތައްޔާރު ކުރުމުގެ މަސައްކަތުގައެވެ. ހަލަބޮލިކޮށް އުޅެމުން ދިޔަ ލަތީފާއަށް ކުއްލި ސިހުމެއް ގެނުވީ އިވުނު، ބާރު، އަޑުފަށްގަނޑާއެކުގައެވެ. މުޅި އުޑުމަތިން އެ އަޑު ގުގުމައިގެން ދިޔަ ފަދަ ބާރު އަޑެކެވެ.

އޭގެ ކުޑަ ވަގުތު ކޮޅެއް ކުރިން ސްކޫލް ނިންމާލުމަށްފަހު ގެއަށް އައިސް ވަތް، ލަތީފާގެ ދެ އަންހެން ދަރިންވެސް ތިބީ ސިހުމެއްގައެވެ. އުމުރުން އެންމެ 9 އަހަރާއި 6 އަހަރުގެ އެކު ކުދިންނަށްވެސް ލިބުނީ ބޮޑު ޝޮކެކެވެ. އުމުރުން 28 އަހަރުގެ ލަތީފާއަށް ދެން ޖެހުނީ އެ ދެކުދިން ހަމަޖެއްސޭތޯ މަސައްކަތް ކުރާށެވެ. ނަމަވެސް ކުޑަދޮރު ކައިރިއަށް ޖެހިލާ، ވެގެން އުޅޭ ގޮތެއް ސާފުވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ.

ލަތީފާގެ ހިތަށް ވެރިވަމުން ދިޔައީ ނާމާން ކަމާ ބިރުވެރި ކަމުގެ އިހުސާސްތަކެކެވެ. އޭނާ ދިރިއުޅެމުންދާ ދަޝްތީ ބާޗީ އަވަށަކީ، ހައްދު ފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ ހަމަލާތައް ސިލްސިލާ ގޮތެއްގައި އަމާޒުވާ އަވަށެއް ކަމުން، އޭނާއަށް އެހެން ގޮތެއް ނުވިސްނުނީއެވެ.

މެއި 8، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މީހުން ހިތާމަ ފާޅު ކުރަނީ / ފޮޓޯ: އަލްޖަޒީރާ

ކުޑަދޮރު ކައިރިއަށް ދެވުނުއިރު ދެވަނަ ގޮވުމެއް ގޮވައިފިއެވެ. އަޑު އައީ ކުރިއަށް ވުރެ ގާތުންކަން ލަތީފާއަށް އިހްސާސް ކުރެވުނެވެ. މުޅި ތަން ގުޑުވާލި، އެންމެ ވަރުގަދަ އަޑުފަށްގަނޑު އައީ ދެނެވެ. 3 ގޮވުމާއެކު، ލަތީފާ އިނީ ބިރުން ހަލާކުވެފައެވެ. ކިސަޑުން ހަދާފައިވާ ލަތީފާގެ ގެ ހުންނަނީ، އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދޭ ހައި ސްކޫލެއް ކަމަށްވާ ސައްޔިދު އަލް-ޝުހާދާ ސްކޫލާ، ކުޑަ ތަންކޮޅެއް ދުރުގައެވެ.

ކުޑަދޮރުން ބޭރު ބަލާލިއިރު، ލަތީފާއަށް ފެންނަމުން ދިޔައީ ޒަހަމްވެފައިވާ މީހުންނަށް އެހީވާން، ކޮޅުކޮޅު މައްޗަށް މީހުން ދުވާ މަންޒަރެވެ. މީހުން މަރުވެފައި ތިއްބެވެ. ދުންގަނޑު އެހާމެ ބޮލެވެ. ލަތީފާއަށް މަންޒަރު ސިފަވީ "ގިޔާމަތް ދުވަސް އައީހެން ކަމަށް" އޭނާ ބުންޏެވެ.

އެ ގޮވުންތަކުގައި 60 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ގިނައީ އަންހެން ކުދިންނެވެ. 100 އެތައް ބަޔަކު ޒަހަމްވިއެވެ.

"އަހަރެންގެ ހިތް ކުދިކުދި ވެއްޖެ. މައުސޫމު އަންހެން ކުދިންގެ ފަރާތުން، ކާކަށް ކޮން ނުރައްކަލެއް އޮތީ؟" ހޮނިހިރު ދުވަހުގެ ނުރައްކާތެރި ހަމަލާއަށްފަހު ފަޅުވެ، ސުންނާފަތިވެފައިވާ ސްކޫލާ މާ ދުރު ނޫން ހިސާބެއްގައި އިށީނދެލައިގެން އިނދެ، ލަތީފާ ސުވާލު ކޮށްލިއެވެ.

މެއި 8، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި ކުދިންނާ މީހުންގެ ޖަނާޒާ / ފޮޓޯ: ބީބީސީ

އާދީއްތަ ދުވަހަށް އަލިވިލުނުއިރު، ހިތާމަތައް ވަނީ ނަފުރަތަށް ބަދަލުވެފައެވެ. ހަމަލާއަށް 12 ގަޑިއިރު ވީ އިރުވެސް، އެއްވެސް ޖަމާއަތަކުން، ހަމަލާގެ ޒިންމާއެއް ނުއުފުލިއެވެ. މިއީ ކިޔަވާ ކުދިންތަކަކަށް އަމާޒުކޮށްގެން، އަފްގާނިސްތާނުގައި، މިހާ ކައިރި ކައިރީގައި ދިން، މިފަދަ 2 ވަނަ ހަމަލާއެވެ. އޭޕްރިލް 30 ވަނަ ދުވަހުގެ ހަމަލާ އަމާޒު ކުރީ ކިޔަވާ ކުދިން ތިބޭ ގެސްޓް ހައުސްއަކަށެވެ. އެ ހަމަލާގެ ޒިންމާވެސް އެއްވެސް ފަރާތަކުން ނުއުފުލައެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ރަށްވެހިންނާ ބައިނަލްއަގުވާމީ މީޑިއާއިން ވާހަކަ ދެއްކެމުން އެނގުނު އެއްޗަކީ، ދަޝްތީ ބާޗީގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ، އަފްގާން ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދޭ ކަމެވެ.

ގޮވުންތަކުގެ ތެރެއިން ގޮވުމެއް ގޮވި ސަރަހައްދާ ކައިރި ހިސާބެއްގައި ވޯކްޝޮޕެއް ހިންގާ މުހައްމަދު އިހްސާން ހައިދަރީ ބުނީ، ފުލުހުންނާ ޖާސޫސީ ބާރުތަކުން ހަރަކާތްތެރިވިލެއް ލަސް ކަމުން އިންތިހާއަށް ނުތަނަވަސްވާކަމަށެވެ. ހައިދަރީއާ، އެހެން އަވަށްޓެރިން ބުނި ގޮތުގައި، އޮފިޝަލުން އެހިސާބަށް އައުމަށް ގަޑިއެއްހާއިރު ނެގިއެވެ.

މެއި 8، 2021 ވަނަ ދުވަހު އަފްގާނިސްތާނުގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި ކުދިންނާ މީހުންގެ ޖަނާޒާ / ފޮޓޯ: އަލްޖަޒީރާ

ކަމާ ބެހޭ ފަރާތްތަކުން އަންނަންދެން ހައިދަރީ މަޑެއް ނުކުރެއެވެ. ފުރަތަމަ ގޮވި ގޮވުމުގެ ސައިޓަށް ގޮސް، އަނިޔާވެފައިވާ ކުދިން ހޮސްޕިޓަލަށް ގެންގޮސްދިނީ ހައިދަރީއެވެ.

"ހޭ ހުސްވެފައި އޮތް އަންހެން ކުއްޖެއް ފެނުނު. 14 އަހަރަށްވުރެ ދޮއްޓެއް ނުވާނެ. އޭނާ ނަގާ، އަހަރެންގެ ކާރަށް ލައިގެން ދިޔައީ" 26 އަހަރުގެ ހައިދަރީ ކިޔައިދިނެވެ. އޭރުވެސް އިތުރު ގޮވުންތައް ގޮވަމުން ދިޔައެވެ. މީހުން ކޮޅުކޮޅު މައްޗަށް ދުވެއެވެ. އެހެންކަމުން، ކާރު ދުއްވަންވެސް މާ ފަސޭހައެއް ނޫނެވެ.

"މީހުން ޖަމާވަމުން ދިޔައީ އިންތިހާއަށް. ކޮންމެ މީހަކުވެސް އެމީހަކު އަތު ޖެހުނު ކުއްޖަކު ގޮވައިގެން ގެޔަށް ނޫނީ ހޮސްޕިޓަލަށް ދިޔައީ" ހައިދަރީ ބުންޏެވެ.

އެންމެ ފަހު ގޮވުން ގޮވީ ކާރެއްގައެވެ. އެ ކާރު، ސްކޫލް ބޭރުގައި ޕާކު ކޮށްފައި އޮންނަތާ އެތައް ގަޑިއިރެއް ވެއްޖެކަމަށް ރަށްވެހިން ބުނެއެވެ.

އޯގަސްޓް 2019 ގައި އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ކުރިއަށްދިޔަ ކައިވެނި ހަފުލާއަށް އައިސިސްއިން ދިން ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: އެންވައިޕީ

ރައްޔިތުން އެންމެ ރުޅި އަންނަ ސަބަބަކީ، ފުލުހުންގެ ހެޑްކުއާޓަރު ހުރި ސަރަހައްދެވެ. ގޮވުން ގޮވި ސްކޫލާ، ފުލުހުންގެ ހެޑްކުއާޓަރާ ދެމެދު އޮންނާނީ މަދު ކިލޯމީޓަރުކޮޅެކެވެ. އެންމެ ހެޑްކުއާޓަރެއް ނޫނެވެ. ދެތަނެވެ.

ފުލުހުންނާއި، ޖާސޫސުންނާ އެމްބިއުލާންސްތައް އައި "ވާނެއެއްޗެއް ވެ ނިމުނު ފަހުން" ނެވެ. މީހުންގެ ރުޅި އަމާޒުވީ އެ ދިމާއަށެވެ. ރުޅި އައިސްފައި ތިބި ވަރުން، އެމްބިއުލާންސް ތަކަށް ހަމަލާ ދިން މީހުންވެސް އުޅެއެވެ.

ދާޝްތީ ބާޗީއަކީ، މީގެ އަހަރެއްހާ ދުވަސްކުރިން، މެޓާނިޓީ ވޯޑަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްވެސް ދިން ސަރަހައްދެވެ.

ދެ އަންހެން ދަރިންގެ މަންމަ، ލަތީފާ ބުނީ، އެ ހަމަލާ ދިން މީހަކު، މަގުސަދު ހާސިލުކޮށްފި ކަމަށެވެ. އެއީ ކުދިން ސްކޫލާ ދުރު ކުރުން ކަމަށް އެނާ ބުނެއެވެ.

"އަހަރެންގެ ދަރިން ރޭ ހަތަރު ދަމު ރުއީ. ސްކޫލަށް ނުފޮނުވާން އާދޭސް ކުރި. އެކުދިން ބުނަމުން ދަނީ ސްކޫލަކީ، އެ ކުދިންގެ މަރު ކަމަށް" ލަތީފާ ބުންޏެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގައި ޒަހަމްވި ތުއްތު ކުއްޖަކަށް ފަރުވާ ދެނީ/ފޮޓޯ:ފްރާންސް 24

ލަތީފާ ސިފަ ކުރާ ގޮތުގައި، ހޮނިހިރު ދުވަހުގެ ގޮވުންތަކުގައި ނިވިގިގެންދިޔައީ އަފްގާނިސްތާނުގެ އިލްމީ ދަންމަރެވެ.

ހޮނިހިރު ދުވަހުގެ ހަމަލާގައި މަރުވި ކުދިންނާއި މީހުންގެ ޖަނާޒާގެ ކަންކަން، އާދީއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.