ހިނގަމުން މިދާ 1442 ވަނަ އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ތަންފީޒު ކުރާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު، ހާއްސަ އުސޫލެއްގެ ދަށުން ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ސައުދީގެ ހައްޖު އެންޑް ޢުމްރާ މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ، ހާޖީންގެ ސަލާމަތާއި ރައްކާތެރި އެންމެ ފުރިހަމައަށް ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކަކާ އެކުގައި ކަމަށެވެ.

ސައުދީގެ ސިއްހަތާ ބެހޭ މުއައްސަސާތަކުން، މަސްރަހު ވިލަރެސް ކުރަމުން ދާނެ ކަމަށާ، މުޅި އިންސާނިއްޔަތުގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އަޅަމުން ދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ވަކިވަކި ތަފްސީލުތައް، ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށް ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއިން ބުނެއެވެ.

އިސްލާމް ދީނުގެ 5 ވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް، އާންމު ގޮތެއްގައި 2.5 މިލިއަނެއްހާ މުސްލިމުން ސައުދީއަށް ދަތުރު ކުރެއެވެ. ނަމަވެސް މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، 1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަންވެސް ކުރިއަށް ގެންދިޔައީ ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން، މިދިޔަ އަހަރު، ހައްޖު ވުމުގެ ފުރުސަތު ދީފައި ވަނީ، ސައުދީގައި ދިރިއުޅެމުން ދިޔަ މީހުންގެ ތެރެއިން، 1000 އެއްހާ މީހުންނަށެވެ.