ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 8 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 8640 މީހަކު އެބަތިބި ކަމަށެވެ. އަދި އޭގެތެރެއިން 203 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

މީގެ ތެރެއިން އައިސީޔޫގައި ކްރިޓިކަލް ކޮންޑިޝަން ގައި ވެންޓިލޭޓަރަށް ނުލައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށް މަބްރޫކް ވިދާލުވިއެވެ. ހަމައެއާއެކު ވެންޓިލޭޓަރުގައި އައިސީޔޫގައި ފަރުވާ ދެމުންދާ 4 މީހަކުވެސް އަބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި 8 މީހުންވެސް ތިބީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 590 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ވޭތުވެދިޔަ ދުވަސްތަކަށް ބަޅާއިރު މިއަދުގެ ކޭސްތައް މަދުވެފައި ވަނީ ބެކް ލޮގްއެއް އުޅޭތީ ކަަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ގޮތުން 134 ކުޑަކުދިން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.