ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކޮށް އިންސާފު ގާއިމު ކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ފުލުހުން ކުރާނެކަމަށް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓާ އިމްރާން ދެންމެ ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކޮށް އިންސާފު ގައިމް ކުރުމަށް ދިވެހި ފުލުހުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ތަހުގީގާ ބެހޭ މީހުން ހައްޔަރު ކޮށް ފިޔަވަޅު އަޅަމުން ދަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ރޭވިފައި އޮންނަ ގޮތަށާ، އިޖުރާތުގެ ހަމަތަކަށް ރިއާޔަތްކޮށް، ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދުމަށް އަމާޒުކޮށްގެން ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 2 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން އިއްޔެ ބުނެފައި ވަނީ މި ހަމަލާގައި ޝައްކުކުރެވޭ 4 މީހެއް ފާހަގަ ކުރެވިފައި ވާ ކަމަށާއި އެމީހުންނަށް ފާރަލަމުންދާ ކަމަށެވެ.