ރޭ ރައީސް ނަޝީދަސް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ގޮއްވާލި ބޮން ގޮއްވާލިކަމަށް ބެލެވޭ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައި ވާ ގޮތުން، އާންމު ވެ ފައިވާ ފޮޓޯގައި އެވަނީ ރޭ ބޮން ގޮއްވާލުމަށް ފަހު ފިލަން ދުވި މީހާއެވެ. އޭނާ ރޭ ހުރީ ނީލޯފަރު ގޯޅި ކުރިމަތިން މަޖީދީ މަގުގެ އަނެއް ފަޅީގައި ހުންނަ އަތަމާ ޕެލަސްގައި ކަމަށާއި، އެތާނގެ ސީސީ ޓީވީ ފްޓޭޖުން އޭނާ އެކަން ކުރާ ގޮތް ފެންނަ ކަމަށެވެ.

އޭނާއާ ހަވާލާދީ އެނޫހުން ބުނެފައި ވަނީ، އަތަމާ ޕެލަސްގެ ސީސީ ޓީވީ ފްޓޭޖު އޭނާ އަމިއްލައަށް ބެއްލެވި ކަމަށާއި، އޭނާ އެ ބޮން ގޮއްވާލީ ރިމޯޓް ކޮންޓްރޯލެއް ބޭނުން ކޮށްގެން ކަމަށެވެ. އަދި އޭނާ އެކަން ކުރުމަށް ފަހު ދުވެފައި ދަމުން އެ ރިމޯޓް ސައިކަލު ގޮއްވާލި ތަނަށް އެއްލާލާ ކަމަށްވެސް ބޮންޑޭ ވިދާޅުވެއެވެ.

އޭގެ ފަހުން އޭނާ ބާ އިންޖީނުގޭ ގޯޅިން ދުވެފައިދާ މަންޒަރުވެސް ބޮންޑޭ ވަނީ އެސަރަހައްދުގެ ބައެއް ސީސީޓީވީ ތަކުން ހޯއްދަވާފައެވެ.

ބޮންޑޭ ވިދާޅުވެފައި ވަނީ ބޮން ގޮއްވި މީހާ ދުވެފައި ދަމުން އެއްލާލި އެތި އޭނާ ގޮސް ބެއްލެވި އިރު އޮތް ކަމަށާއި، ފުލުހުން އެސަރަހައްދު ކޯޑަން ކުރީ އޭގެ ފަހުން ކަމަށެވެ.

ބޮންޑޭ މި ވާހަކަ ހާމަ ކުރެއްވުމާއެކު އޭނާގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އިތުރު މައުލޫމާތެއް އޭނާގެ ފަރާތުން ލިބޭ ގޮތެއް ނުވިއެވެ.

އަދި މި މީހާއާ ބެހޭ މައުލޫމާތު ފުލުހުންނަށް ދެއްވިތޯއާއި، ފުލުހުންނަށް މި މީހާ ހޯދުމުގައި ލިބުނު ކުރިއެރުމެއްވެސް އަދި ސާފެއް ނުވެއެވެ.