ޓެރަރިސްޓު ހަމަލާ ދިން ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަން އުޅުއްވީ އެހެން ރަށެއްގައި އޮތް ހަފްލާ އަކަށް ކަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ރޭ ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގަތީ އެހެން ރަށެއްގައި އޮތް ހަފްލާ އަކަށް ވަޑައިގަތުމަށް ކަމަށާއި އެހެންކަމުން އިއްޔެ ވެސް ރަށުން ބޭރަށް ވަޑައިގަންނަވާތީ ފާލަން ކައިރީގައި އެޑްވާންސް ޓީމެއް އޮތް ކަމަށެވެ. ހަމައެއާއެކު ވަޑައިގަންނަވާ ރަށަށް ވެސް ޓީމެއް ފޮނުވާފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް އިތުރަށް ވިދާޅުވީ އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށްވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެއްވާ ކަމަށެވެ. އަދި ހަނގުރާމަ މަތީ ހަތިޔާރާއެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވާ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށްވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެނީ، ހަނގުރާމަ މަތީ ހަތިޔާރާއެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވޭ. އިއްޔެގެ ހާލަތުގައި ވެސް ފާލަން ކައިރީގައި އެޑްވާސް ޓީމުގެ ބަޔަކު ތިބިއިރު ވަޑައިގަންނަވަން އޮތް ރަށުގައި ވެސް ސިފައިންގެ ޓީމެއް ފޮނުވިފައި އޮތް. 24 ގަޑިއިރު އެމަނިކުފާނުގެ ގޭގައި ވެސް ސެކިއުރިޓީ ބެލެހެއްޓެމުންދޭޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ.