ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާގައި އުޅުނު މީހުން ކައިރިއަށް ޔުނީފޯމް އެޅި މީހުން އެބަދާ ކަމަށާއި ތިހެން ފިލާ ނުތިބެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ދިމާލަށް ޔުނިފޯމް އެޅި މީހުން ދާނެ ކަމަށާއި އެކަން ކުރި މީހުން އެކަން ވިސްނަން ޖެހޭނެ ކަމަށެވެ.

"މިއަދު އެ ފިލާތިބެ ނުރައްކާ ހަމަލާ ދިން މީހުން ވިސްނަވައްޗޭ އަޅުގަނޑު ދަންނަވާނީ އެ މީހުންނާ ދިމާއަށް ޔުނީފޯމް އެޅި ބޭފުޅުން ވަޑައިގަންނަވާނެއޭ. އެ ބޭފުޅުން އެ ތިބި ތަނަކުން، މިރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެކަން ޔަގީން ކުރާށޭ."
ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ

މާރީޔާ ވިދާޅުވީ، މީހުން ބިރުގަންނަވައިގެން އުޅެން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި އެކަން އެގޮތަށް ވިޔަނުދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސިފައިން ކުރާނެ ކަން ޔަގީންކަން އެބަ އޮތް ކަމަށެވެ. މީގެ އިތުރުން އެ ނުރައްކާތެރި ހަމަލާ ދިން މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސިފައިންނާއި ފުލުހުންނާއި މުޅި ރައްޔިތުން ތެދުވަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ވަނީ އެއްޗެއް ގޮއްވާލާފައެވެ. އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އެއްޗެއްގޮއްވާލީ ރޭ 8:30 ހާއިރުއެވެ. އެ ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައި ވާއިރު އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

މިހާރު ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިތަލުގެ އައިސީޔޫގައެވެ. އެމަނިކުފާނަށް ލިބުނު ޒަހަމްތަކާ އެކު ވަނީ ސާޖަރީތަކެއް ކޮށްފައެވެ. އަދި އެމަނިކުފާނުގެ ހާލު ކްރިޓިކަލް ކަމަށް އޭޑީކޭން ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުހާތަބް ކުރައްވާ ވިދާލުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ހަމަލާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.