ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން އޮތީ ކްރިޓިކަލް ހާލަތުގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ކުރި ޓްވީޓެއްގައި ބުނީ ފާއިތުވި 16 ގަޑިއިރުގެ ތެރޭގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ލިބިފައިވާ ޒަހަމްތަކަށް ސާޖަރީތައް ހަދާފައިވާ ކަމަށެވެ. އަދި ނަޝީދު އަދިވެސް އޮންނެވީ ކްރިޓިކަލް ހާލަތެއްގައި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާ ކަމަށެވެ.
ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯހިހް ވަނީ ރޭ ދަންވަ އިއުލާނު ކުރައްވާފައެވެ.