ހިނގަމުން މިދާ 1442 ވަނަ އަހަރުގެ ބަރަކާތްތެރިވާ ޙައްޖުގެ އަޅުކަމާ މެދު، ރަސްމީކޮށް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ބުނެފިއެވެ.

އަރަބި މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި، އެ ވުޒާރާގެ ތަރުޖަމާނު ހިޝާމް ސައީދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކަށް މި އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސައުދީއިން އެންމެ އެދޭ ގޮތް ކަމަށެވެ. ނަމަވެސް، ވުޒާރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ، ޙާޖީންގެ ސަލާމާތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި، ފަރުވާއެއް ނުހޯދި އޮތް އިރު، 1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ސައުދީއިން ދިނީ، އެ ވަގުތު އެ ގައުމުގައި ތިބި މީހުންގެ ތެރެއިންވެސް މަދު އަދަދެއްގެ ބަޔަކަށެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާގެ ނައިބު، ޑރ ޢަބްދުލްފައްތާޙު މަޝާތު މީގެ ކުރިން ވަނީ، ސައުދީގައި ތިބި ދޭސީންނާއި ބިދޭސީންނަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޢުމްރާގެ އަޅުކަން އަދާކުރެވޭނެކަން ހާމަކުރައްވާފައެވެ.

މިކަމާ ގުޅޭ އިންތިޒާމުތައް ހަމަޖެއްސުމަށް، ސައުދީއިން ވަނީ ޕޯޓަލްތަކެއްވެސް ގާއިމު ކޮށްފައެވެ. މަޝާތު ވަނީ، ޢުމްރާ ޕާމިޓް ދޫކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކަށް ނުހެއްލުމަށް މުސްލިމު އުއްމަތަށް ގޮވާލައްވާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސައުދީއިން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ސައުދީއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބީތަކެއް ހޯދާ ގައުމެއްކަން ފާހަގަ ކުރަންޖެހެއެވެ.