މިރޭ ރައްޔިތުން މަިޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާކަން ކަށަވަރު ކުރުމަށް ފުލުހުން ކުރާ ތަހުގީގު މޮނިތާ ކުރަމުން ދާނެ ކަމަށް ނެޗަނަލް އިންޓަގްރިތީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
މިރޭ ހިނގި ހާދިސާއާ ގުޅިގެން އެ ކޮމިޝަނުން ބުނީ، މާލޭގައި މިރޭ އެއްޗެއް ގޮއްވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އިތުރު ފަރާތްތަކަކަށް އަނިޔާވެފައިވާ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. މި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކުރާ ހާލު، ރައީސް ނަޝީދާއި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
މިހާދިސާ ހިނގާދިޔަގޮތް ތަހްގީގުކޮށް، މިކަމުގައި ޝާމިލްވާ މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، ކަމާބެހޭ ފަރާތްތަކަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހައްދުގައި އާންމުންގެ ގިނަ ބަޔަކު އެވަގުތު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި އާނމްުން ދުރަށް ޖައްސާ ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި ހާދިސާގައި 5 މީހަކަށް ވަނީ އނަިޔާވެފައެވެ. އެއީ ރައީސް ނަޝިދުގެ އިތުރުން އެ ސަރަހއްދުގައި ހުރި ބިދޭސީއަކާއި 3 ސިފައިންގެ މީހަކަށެވެ. ސިފައިންގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ބޮޑީ ގާޑުންނެވެ.. މިހާރު އޭގެތެރެއިން އެއް ސިފައިންގެ މީހަކާއި ރަައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިތަލުގައި ފަރުވާ ދެމުންނެވެ. އޭޑީކޭއިން ބުނީ ރައީސް ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި މި ކަމުގައި އެމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ހަމައެއާއެކު ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.