ބޭރުގެ ފަންނީ މާހިރުންނާއެކު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން ތަހުގީގު ކުރުމުގެ ބާރު ދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ހިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް، ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގުކޮށް، ގެއްލިފައިވާ ފައިސާ ހޯދިފާ ނުވާތީއާއި އަދި ހިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފާ ނުވާ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި އެ ތަހުގީގު ކުރުމަށްޓަކައި މި ވެރިކަމުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށި ވިޔަސް އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށް ގަރާރުގައި ބުނެއެވެ.

އެގަރާރުގައި އިތުރަށް ބުނީ އޮގަސްޓް 26، 2018 ގައި ގައުމީ މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ބޭރުގެ ފަންނީ ތަޖުރިބާކާރަކު ހޯދާ، ހިޔާނާތާ ގުޅޭ ފައިސާ ދަތުރުކޮށްފައިވާ ގޮތާއި އެފައިސާއާބެހޭ މައުލޫމާތާ އަދި އެނޫންވެސް އެފަރާތުގެ އެންމެހައި ހޯދުންތައް ސަރުކާރަށް ފޯރުކޮށްދީފައިވީ ނަމަވެސް، އެމައުލޫމާތުގެ އަލީގައި އެފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކޮށްފާ ނުވާކަމަށެވެ.

އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް ކޮށްދޭނޭ ބޭރުގެ ފަންނީ މާހިރަކު ހޯދާ، އެފަރާތާއެކު ކުރާންޖެހޭ އެންމެހައި މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުން ކުރުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ވައްކަން ބަލަން އެކަން ކުރަން ތާއީދު ކޮށްދެއްވުމަށް އެދިފައެވެ. ގައުމީ މަޖިލިސް ބޭއްވޭނީ 10 މެންބަރުންގެ ސޮއި ހުށަހަޅައިގެންނެވެ.