އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފިއެވެ.

މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޖިނާއީ ތަހްގީގު ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށާއި، އެ ތަހްގީގުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ސަބަބު ސާފުކޮށް ދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަލަސް ލަތީފު އެދިވަޑައިގެންފައި ވާ ކަމަށެވެ.

އޭނާ އެކަމަށް އެދިވަޑައިގަތުމުން، އެޕްރީލް 28، 2021 ގައި އެ މައުލޫމާތުތައް މަޖިލީހަށް ހިއްސާ ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރް) އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންގެ ހިދުމަތަށް އެންގުުން އެފަރާތްތަކުން އެމައުލޫމާތު މަޖިލީހަށް ފޮނުވައިފި ކަމަށެވެ.

އޭގެ އިތުރުން ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގައާއި، ޝަރުއީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރި ފަރާތްތަކާ، އެ ތަންތަނުގައި މިހާރު ވެސް މަސައްކަތްކުރާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރުވެސް މެންބަރުކަމުގައި ތިއްބެވި ފަރާތްތަކުގެ ލިސްޓު ޕީސީސީއާރް އިން މަޖިލީހަށް ހިއްސާ ކޮށްފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.

ހަމައެހެންމެ ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ފަރާތްތަކާ އަދި މިހާރުވެސް އެ މަގާމުތައް ފުރަމުން ގެންދަވާ ފަރާތަކުންގެ ލިސްޓު ޕީސީސީއާރް އިން މަޖިލީހަށް ހިއްސާ ކޮށްފައިވާކަން މަޖިލީހުން ވަނީ ފާހަގަ ކޮށްފައެވެ.

މެންބަރު ހަސަން، މައްސަލަ ސާފުކުރަން އެދިވަޑައިގަން އިރު، މަޖިލީހުގެ 241 ކޮމިޓީއާއި ޖުޑީޝަރީ ކޮމެޓީ ގުޅިގެން ހަދާފައި އޮންނަ ސަބް ކޮމެޓީއަކުން ގެންދަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުންނެވެ. އަދި އެ ކޮމެޓީގައި ހަސަންވެސް އިންނަވައެވެ. ހަމަ އެހެންމެ ރިކަވަރީ ކޮމިޝަނުންވެސް އެ މައްސަލަ ގެންދަނީ ބަލަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން ސަރުކާރާއި، މަޖިލީހާއި، ޖުޑީޝަރީއާއި ސަލާމަތީ ބާރުތަކާއި އަމިއްލަ މީހުން ހިމެނޭ ގޮތުން 267 މީހަކަށް މަންފާ ލިބުނު ކަމަށް ރިޕޯޓްތައް ބުނާއިރު އެ މައްސަލައިގައި ހިމެނޭ ފައިސާގެ މުއާމަތާ ގުޅޭ ގޮތުން ޝަރީއަތެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. އެ 3 ބޭފުޅުން ވެސް މީހާރު ތިއްބެވީ ގޭގައެވެ.

އެމްއެމްޕީއާރުސީ މައްސަލަ ނުބެލި ދިގުލައިގެން ގޮސްފައި ވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެ މައްސަލަ ބެލުމުގެ ބާރު އެމްޑީޕީގެ ޕީޖީ ގްރޫޕަށް ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ނަޝީދު ހުށަހަޅުއްވަނީ ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ގްރާންޓް ތޯޓަން ފަދަ ރާއްޖެއިން ބޭރުގެ ބައެއްގެ އެހީ ހޯދައިގެން އެ މައްސަލަ ބަލާށެވެ.