ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މާސްކު އެޅުމުގެ އުސޫލަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަން ނުވާ މީހުން ހައްޔަރު ކުރުމަށް، ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ދުތާރުތޭ އަމުރު ކުރައްވައިފިއެވެ.

މި ގޮތުން، ނޭފަތުން ތިރީގައި މާސްކު އަޅައިގެން އުޅޭ މީހުން ހިމެނެއެވެ.

ގިނަ ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ތަންފީޒު ކުރުމަށް އަމުރު ކުރައްވާ ދުތާރުތޭ މި އަމުރު ނެރުއްވީ، ކޮވިޑް-19 ޓާސްކް ފޯސްއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައެވެ.

ކޮވިޑް-19އިން ރައްކާތެރި ވުމަށް މާސްކު އެޅުމަކީ ފިލިޕީންސްގައި މަޖުބޫރު ކަމަކަށް ވީ ނަމަވެސް، ޓާސްކްފޯސްއާއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، މާސްކު ބޭނުން ނުކުރައްވާ އިންނެވި ހަމަ އެކަނި ބޭފުޅަކީ، ދުތާރުތޭ ކަމަށް، މަންޒަރުތަކުން ފެންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ފިލިޕީންސްއިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އަދި މާޗް މަހުގެ ފަހު ކޮޅުން ފެށިގެން މިހާތަނަށް، ގިނަ އަދަދެއްގެ ބަޔަކަށް އަދަބު ދީފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އުސޫލުތަކާ ހިލާފުވެގެން ފިލިޕީންސުން ހައްޔަރު ކުރި މީހަކަށް ދިން އަދަބެއްގެ ގޮތުގައި އެމީހާ ލައްވާ 100 ފަހަރު ސްކުއަޓްސް ހައްދަން ޖައްސާފައި ވަނިކޮށް، އެމީހާ މަރުވުމުން، ފިލިޕީންސްގެ ޖަސްޓިސް ސެކްރެޓަރީއާއި ފުލުހުންގެ އިސްވެރިޔާ ވަނީ، އުސޫލާ ހިލާފުވާ މީހުން ހައްޔަރު ކުރުމުގެ ބަދަލުގައި، އެފަދަ މީހުން ޖޫރިމަނާ ކުރަން ނުވަތަ ކޮމިއުނިޓީ ސާވިސްއަށް ނެރުމަށް އިރުޝާދު ދެއްވާފައެވެ.

ނަމަވެސް، ދުތާރުތޭ ވަނީ، ގަވައިދު މުގުރާލާ މީހުންނާ މެދު، ފުލުހުން ހަރުކަށި ވާންޖެހޭ ކަމަށާ، ނޭފަތް ނިވާ ނުވާ ގޮތަށް، އުސޫލުތަކާ ހިލާފަށް މާސްކު އަޅާ މީހުން ހައްޔަރު ކުރަން އަންގަވާފައެވެ. އެއީ އޭނާއަށް ކޮށްދޭ ކަމެއް ނޫން ކަމަށާ، ނަމަވެސް އެއީ ގައުމަށްޓަކާ ކޮށްދޭ ކަމެއް ކަމަށާ، އެކަމުން އެމީހަކަށްވެސް ރައްކާތެރިކަން ލިއްބައިދޭނެ ކަމަށް ދުތާރުތޭ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުވެސް ދުތާރުތޭ ވަނީ ހަރުކަށި އަމުރެއް ނެރުއްވާފައެވެ. އެގޮތުން، ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުގައި ހައިޖާނު އުފައްދާ މީހުންގެ ގަޔަށް ބަޑިޖަހައިގެން މަރަންވެސް ދުތާރުތޭ ވަނީ ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ.

ދުތާރުތޭގެ ތަރުޖަމާނު ހެރީ ރޯގް ވިދާޅުވީ، އުސޫލުތަކާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ދައުވާއެއް އުފުލުމަކާ ނުލާ 12 ގަޑިއިރަށް ހައްޔަރު ކުރާނެ ކަމަށެވެ.

ދުތާރުތޭގެ ނިންމެވުންތަކަކީ، ހައްގުތަކަށް ވާކާލާތު ކުރާ ފަރާތްތަކުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރާ ނިންމެވުން ތަކެކެވެ.