އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިދިޔަ މަހުގެ 19ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި "ކޮރަޕްޝަން" އިތުރަށް މާނަކޮށްދީފައިވެއެވެ. އެގޮތުން ކޮރަޕްޝަނަކަށް ވާނީ ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި އަމަލުތައް ހިމެނޭ ގޮތުން ކަމަށް ބުނެފައިވެއެވެ. އޭސީސީގެ ގާނޫނުގައި ކުރިން އޮތް ގޮތުން ކޮރަޕްޝަނަކީ ކޮރަޕްޝަން ހުއްޓުވުމާއި މާނަކުރުމުގެ ގާނޫނުގައިވާ ކުށްތައް އެކަނިއެވެ.

މިއަދު އަމަލުކުރަން ފެށި އިސްލާހުގައި އޭސީސީގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް "ކޮރަޕްޝަންގެ ކުށް" ވެސް އިތުރަށް މަނާކޮށްދީފައިވެއެވެ. އެގޮތުން ކޮރަޕްޝަންގެ ކުށް ކަމަށް ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށެވެ.