އެފްރިކާގެ ހުޅަނގެ ސަރަހައްދުގައި ބިމުގެ ގޮތުން ވަށާ ބެދިފައި އޮންނަ މާލީއަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޒުވާނެއް، އެއްމާބަނޑު 9 ކުދިން ވިހައިފިއެވެ.

މާލީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ހަލީމާ ސިސޭ، 25، އެއްމާބަނޑު 9 ކުދިން ވިހޭއިރު، އޭނާ ބަލިވެއިން ކަމަށް ކުރިން އެނގިފައި އޮތީ އެއްމާބަނޑު 7 ކުދިންނަށް ކަމަށެވެ.

ހަލީމާ މި 9 ކުދިން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. ސިޒޭރިއަން ހަދާފައި ވަނީ މޮރޮކޯގައެވެ. އޭނާ މޮރޮކޯއަށް ގެންދިޔައީ އިތުރު ސިއްހީ ފަރުވާ ދޭންޖެހޭތީ ކަމަށްވެސް މާލީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެއީ ހަލީމާގެ ކޭސްއަކަށް އެކަށީގެންވާ ގޮތަކަށް ފަރުވާ ދެވޭނެ އިންތިޒާމް، މާލީގައި ހަމަޖެހިފައި ނެތުމުންނެވެ.

މާލީގެ ހަލީމާ ސިސޭ، 25، އަށް ލިބުނު އެއްމާބަނޑު 9 ކުދިން އުފަންވުމާއެކު މާލީއިން އެންމެ ފުރަތަމަ އާންމު ކުރި ފޮޓޯ / ފޮޓޯ: މާލީ ހެލްތު މިނިސްޓްރީ

ހަލީމާއާ، އޭނާ ވިހޭ 5 އަންހެން ކުދިންނާއި 4 ފިރިހެން ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް، މާލީގެ ސިއްހަތާ ބެހޭ ވަޒީރު ފެންޓާ ސިބީ އާންމު ކުރެއްވި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ހަލީމާގެ ފިރިމީހާ، އެޖުޑާންޓް ކާދިރު އަރްބީވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެއް ފަހަރާ، އެންމެ ގިނަ އަދަދެއްގެ ކުދިން ވިހާ، ފުރާނަ ސަލާމަތް ކުރެވުނުގެ ކަމުގެ ދުނިޔޭގެ ރެކޯޑް އޮންނަނީ އެމެރިކާ ރައްޔިތެއްގެ އަތުގައެވެ. 2009 ވަނަ އަހަރު، އެމީހާ ވިހެއީ އެއްމާބަނޑު 8 ކުދިންނެވެ.

މާޒީއަށް ބަލާއިރު 2 ފަހަރެއްގެ މަތިން އެއްމާބަނޑު 9 ކުދިން ވިހާފައި ވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އެއީ 1971 ވަނަ އަހަރު ވިހޭ އޮސްޓްރޭލިއާ މީހަކާ، 1999 ވަނަ އަހަރު ވިހޭ މެލޭޝިއާ މީހެކެވެ. ނަމަވެސް މިއިން އެއްވެސް ކޭސްއެއްގައި އުފަންވި ކުއްޖަކު، މާ ގިނަ ދުވަހަކު ދުނިޔޭގައި ނޯވެއެވެ.

8 ދަރިން ވިހޭ އެމެރިކާ މީހާއަށް އުފަންވި ކުދިންނަށް މިހާރު 12 އަހަރު ފުރިއްޖެއެވެ. އޭނާ މި ކުދިންނަށް ބަލިވެ އިނީ އައިވީއެފް ހަދައިގެންނެވެ.