ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އަކުން ފެތުރޭން ފެށި ކޮވިޑް ބަލިމަޑުކަމަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ބަލިމަޑު ކަމެކެވެ. މިދިޔަ އަހަރު މުޅި ދުނިޔެއަށް ދިމާވި އިގްތިސޯދީ ގޮން ޖެހުންތަކުން އަރައިގަތުމަށް ރާއްޖެ ފުލް ލޮކްޑައުންއެއްގައި އޮތުމަށް ފަހު ފަތުރުވެރިކަމަށް ހުޅުވާލީ އިގްތިސޯދީ ގޮތުން އަރައިގަތުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އަނެއްކާ ވެސް ރާއްޖޭގެ ހާލަތު މިވަނީ މި ބަލިމަޑުކަމުގެ ބިރުވެރިކަމުގެ ތެރެއަށް ގެނބެން ފަށާފައެވެ. މިވަގުތު ކޮވިޑަށް ޕޮޒިޓިވް އެކްޓިވް ކޭސްގެ ގޮތުގައި 7000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، ކޮވިޑްގެ ހަތަރު ވަނަ ރާޅު މިވަނީ ބިންދާލާފައެވެ.

ކޮވިޑް ބަލީގެ ސަބަބުން ދިރިއުޅުން ހުއްޓުމަކަށް އައިސް 2020 ނިންމާލި އިރު އެ އަހަރު ފަހު ކޮޅު ކޭސްތައް ދަށަށް ދިއުމާއި، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ޖެހަން ފެށުން ވެގެން ދިޔައީ އާންމުންނަށް ލިބިގެން ދިޔަ އުފާވެރި ހަބަރަކަށެވެ. ނަމަވެސް ވެކްސިން ޖެހުމާ އެކު އެތައް ލުއިތަކެއް ދެވި އާންމުން "ހޭލަ މޭލަވެ" އުޅުން އިތުރުވެ ކޭސްތައް މައްޗަށް ދާން ފެށުމާއެކު ތިން ވަނަ ރާޅެއް ނަގައިފި ކަމުގެ ސިގްނަލް ލިބި އެޗްޕީއޭ އިން ވަނީ މިއަހަރު ކުރީކޮޅު ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ނަމަވެސް އޭރު ބޯމަތިވެގެން އައީ ސިޔާސީ އެތައް ބައެއްގެ ފާޑުކިޔުންތަކެވެ. ސިޔާސީ އެތައް ބައެއްގެ ނުފޫޒާއި ޕްރެޝަރުން ވަނީ އެޗްޕީއޭގެ އުސޫލުތަކަށް އަތްގަދަ ކޮށްފައޭ ބުނެވިދާނެއެވެ. އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔަމުން ދިޔަ އެތައް ސިޔާސީ ބައެއް އެކުވެގެން މަސައްކަތް ކުރީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށާއި އެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކެމްޕޭން ދަރުތުތައް ކުރުމަށް ލުއިތަކެއް ހޯދާށެވެ. ހަމައެއާއެކު ވޯޓު ހޯދުމުގެ ބޭނުމުގައި އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުން ދިޔަ އެތައް ވިޔަފާރިވެރިންތަކެއްގެ ހައްގުގައި ކަމަށް ބުނެ ސިޔާސީ ބައެއް މީހުން ދިޔައީ ވަކާލަތު ކުރަމުންނެވެ. އެގޮތުން އެޗްޕީއޭއަށް ކުރި ޕްރެޝަރާ އެކު މި ރޯދަ މަސް ފެށުމުގެ ކުރިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލައި ލުއިތައް ދީފައެވެ. (ކޮވިޑާ ގުޅޭގޮތުން މަޖިލީހުގައި ބައެއް މެންބަރުން ދައްކާފައި ހުރި ބައެއް ވާހަކަތައް).

ލުއިތައް ލިބިގެން ދިއުމުން އެތައް ބަޔަކު އުފާކޮށް "ސެލެބްރޭޓް" ވެސް ކުރި މެއެވެ. ނަމަވެސް ނަގަން އުޅޭ "ބިޔަ ރާޅާ" މެދު އެކަކުވެސް ވިސްނާ ނުލާ އޮތުމުގެ ސަބަބުން މި ވަގުތު ގައުމުގެ ހާލަތު މިވަނީ "ނާޒުކު" ފައްތަރަކަށް ވެއްޓިފައެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތައް:

  • މެއި 5 - 734 ޕޮޒިޓިވް ކޭސް
  • މެއި 4 - 601 ޕޮޒިޓިވް ކޭސް
  • މެއި 3 - 585 ޕޮޒިޓިވް ކޭސް
  • މެއި 2 - 508 ޕޮޒިޓިވް ކޭސް
  • މެއި 1 - 402 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 30 - 465 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 29 - 318 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 28 - 464 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 27 - 386 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 26 - 328 ޕޮޒިޓިވް ކޭސް

ވޭތުވެދިޔަ 10 ދުވަހެއްގެ ތެރޭގައި ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ ކޭސް 50 އިން ނުވަތަ 100 އިން މައްޗަށް ދިޔަ އިރު ނަގަން އުޅޭ ރާޅުގެ އުސްމިން އަންދާޒާ ކޮށް ނުލެވުނީ ހެއްޔެވެ. މިއީ އާ ވޭރިއެންޓެއް އުފެދުމުގެ ބިރު އޮތް ކަމެއް ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެ ބުނެ ތިބީ ކޭސްތައް 600 އިން މައްޗަށް ދަންދެނެވެ. އެހިސާބުން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފިޔަވަޅުތަކެއް އަޅާފައެވެ.

މާސްކް އަޅައިގެން މަގުމަތީގައި އުޅޭ މީހުން / ފޮޓޯ: ދަ ޕްރެސް

އެގޮތުން ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭ ގޮތަށް ހަމަޖެއްސިއެވެ. އަދި ސަރުކާރު މުވައްޒަފުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސިއެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ދުއްވާ އެއްޗެތި ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ހަމަޖެއްސިއެވެ.

ފިޔަވަޅުތަކެއް އެޅި ކަމުގައި ވިޔަސް އެޗްޕީއޭއަށް މި ފަހަރު އަމާޒުވީ އާންމުންގެ މަލާމާތެވެ. އުޅަނދުތަކުގައި މީހުން ނުކުމެ އުޅުން މަނާކުރާ ވަގުތަކަށް ދަންވަރުގެ ވަގުތެއް ހަމަޖެއްސުމުން އާންމުން ވަނީ އެޗްޕީއޭއަށް "ޖޯކު" ޖަހާފައެވެ. އެއްބަޔަކު ބުނާގޮތުގައި ކޮވިޑަކީ ދަންވަރަށް ފެތުރޭ ބައްޔެއް ނޫނީ އެއީ ހަމައެކަނި ދުއްވާ އެއްޗެހި ދުއްވާ މީހުންނަށް ޖެހޭ ބައްޔެކެވެ. ހަގީގަތުގައި އެޗްޕީއޭގެ ބައެއް "ދޯދިޔާ" ނިންމުންތައް ވެގެން ދިޔައީ އާންމުންގެ ތެރޭގައި އެ އެޖެންސީއަށް އޮތް އިތުބާރު ގެއްލުމުގެ އަސްލަކަށެވެ. އަދި ކޮވިޑާ މެދު އޮތް ނުތަނަވަސް ކަމާއި ބިރު ފިލާ ދިޔަ ކަމަކަށެވެ.

ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ / ފޮޓޯ: އެޗްއީއޯސީ

އާންމުންގެ އެތައް ފާޑުކިޔުމަކާއެކު ސޯޝަލް މީޑިއާގައި އެކި ފާޑުގެ "މީމްސް" ތައް ހަދައި ވަނީ އެޗްޕީއޭއަށް "ހަޖޫ" ޖަހާފައެވެ. އަދި ކުރިން ދުވަހު 600 އިން މައްޗަށް ކޮވިޑް ކޭސް ރިޕޯޓުކޮށްފައި އޮއްވާ، އިއްޔެ ކޮވިޑަށް ޕޮޒިޓިވް ކޭސްތައް ވަނީ 700 އިން މައްޗަށް ރިޕޯޓު ކޮށްފައެވެ. އެހެންކަމުން މިހާރު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައެވެ. ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ހަތަރު ވަނަ ރާޅު ބިންދާލި އިރު އިހުމާލު އޮތީ ކޮންބަޔަކަށް

ކަންކަން ބޯމަތިން ދިއުމުން އެ ކަމެއްގައި އިހުމާލުވާނެ ބަޔަކު ހޯދައި އެބަޔަކަށް އިނގިލި ދިއްކުރުމަކީ އާންމު ކަމެކެވެ. ހަމަ އެފަދައިން މިފަހަރު ކޭސްތައް މައްޗަށް ގޮސް ގައުމުގެ ހާލަތު މިހިސާބަށް ދާން ޖެހުނީ ކޮން ބައެއްގެ އިހުމާލުން ކަމީ އުފެދޭ ބޮޑު ސުވާލެކެވެ.

އިނގިލި ދިއްކުރަންވީ ހަރުކަށި ފިޔަވަޅުތައް އަޅައި އެކަން ކަން ތަންފީޒު ކުރުމުގެ ބާރު ލިބިފައި އޮތް އެޗްޕީއޭއަށް ހެއްޔެވެ. ނުވަތަ ލުއިތައް ދިނުމަށް އެޗްޕީއޭ އަށް ޕްރެޝާ ކުރަމުން ދިޔަ ސީޔާސީ ބޭނުންތަކަށް ފެންބޮވައި ގެންފައި ތިބި މީހުންނަށް ހެއްޔެވެ. ނޫނީ ލުއިތަކެއް ލިބުމާއެކު "ހައްޓަކު ހެޔެއް ނެތި" ސައިކަލު ބުރުޖަހާ ރައްޓެހިންނާ އެކީ މަޖާ ކުރަން ނުކުމެ އެނބުރެން ފެށި އާންމު ރައްޔިތުންނަށް ހެއްޔެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައި އާންމުން ހަވީރު ވަގުތު އާންމުން ހިތްފަސޭހަކޯށްލަން ނުކުމެ އުޅެނީ / ފޮތޯ: ދަ ޕްރެސް

އެޗްޕީއޭއން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔުން އަމާޒުވީއިރު އެ އެޖެންސީން ކުއްލިއަކަށް ލުއިތައް ދިން ގޮތަށް ވެސް ފާޑުކިޔުން އަމާޒުވިއެވެ. ރަނގަޅު އެއްގޮތެއްވެސް ނެތޭ ބުނެވިދާނެއެވެ. ނަމަވެސް ފަހުން ދިން ލުއިތަކާއެކު އެޗްޕީއޭގެ ފަރާތުން އިންތިޒާމް ކޮށްގެން ހިންގަމުން ދިޔަ ކަންކަމުގައި ވެސް ފެންނަމުން ދިޔައީ ބަލި ފެތުރުމާ މެދު ސަމާލުކަން ކުޑަވެގެން ދިޔަ ތަނެވެ. އާންމުން ވެކްސިން ޖެހުމަށް ދިޔަ އިރު ކުރީގައި ބަލަމުން އައި ވަރަށް ކިއުލައިން ނުބެލެހެއްޓުމާއި އާންމުން އެއްވެ ތޮއްޖެހިގެން ހަދަމުން ދިޔަ ކިއުތަކުގެ ސަބަބުން ކޮވިޑް ފެތުރުން މަގުފަހިވެދާނެ ކަމަށް އެ އެޖެންސީން ނުބެލިއެވެ.

މިކަމަށް ވެސް މީހުން ފާޑުކިޔުން އަމާޒުވެގެން ދިއުމާއެކު ކިއުބީން ދެތިން ދުވަހަކަށް ނަންބަރު ދޫކުރިއެވެ. އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ކިއުޖެހިގެން ނަންބަރު ދޫކުރާ އުސޫލަށް އެޗްޕީއޭގެ އުސޫލުތައް ބަދަލުކޮށްލި އިރު އެފަދަ ކިއު ލައިންގައި ޖެހުނު ކިތައް މީހުން މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައި ވާ ކަމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލައެކެވެ.

ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރު ކައިރީ ކިއު ހަދާފައި / ފޮޓޯ: ދަ ޕްރެސް

އިހުމާލުގެ ވާހަކަ ދައްކާ އިރު އިހުމާލު ނެތް ބަޔަކު ނެތެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ސިޔާސީ ބޭނުންތައް އެއްފަރާތް ކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް ގައުމައްޓަކައި މަސައްކަތް ކުރަންވީ ވަގުތެވެ. އެއީ މި ވަގުތު ގައުމުގެ ދަރިންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަން ގަބޫލު ކުރަން ޖެހެއެވެ. ހާލަތު ގޯސްވަމުން ދާ ނަމަ އަނެއްކާ ވެސް އިގްތިސޯދީ ގޮތުން ވެސް ހީނަރުކަމެއް އައިސް ގައުމު "ބަނޑަށް" ޖެހުމަކީ ގާތުގައި އޮތް ކަމެއް ކަން ވޭތުވެ ދިޔަ އަހަރު ކުރި ތަޖުރިބާގެ އަލީގައި ފެންނަން އެބަ އޮތެވެ. ސެނެޓައިޒާއާއި މާސްކް ހުސްވާ ހިސާބަށް ދިޔަ އިރު އެ ތަކެތީގެ އަގު އުފުލިގެން ދިޔަ ދުވަސްތަކެއް ވެސް އަޔެވެ. ހަމައެއާއެކު މިހާރު ގައުމު މިއޮތް ހާލަތުގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ބިރަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެހެންކަމުން ބަލި ކޮންޓްރޯލް ކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް މި ވަގުތަކީ ފަރުދީ ޒިންމާ އަދާ ކުރުމަށް އަތުކުރި އޮޅާލަން ވީ ވަގުތެވެ. ބަލިމަޑުކަމުން ރައްކާތެރި ވުމަށް ފިޔަވަޅު އަޅަން މިހާރުވެސް ލަސްވެއްޖެއެވެ. "ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނާ ފަދައިން މިހާރު މިއޮތް ހާލަތަށް ވުރެ ގޯސްވިޔަ ނުދީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބާރު މިވަގުތު ވަނީ އެންމެންގެ އަތް މަތީގައެވެ. ފިޔަވަޅުތައް ތަންފީޒު ކުރަން ތިބި މީހުންނަށް 'ބެވުން' ހުއްޓާލާފައި އަޅާފައި ހުރި ފިޔަވަޅުތައް އެންމެ ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭތޯ ބަލަމާ ހެއްޔެވެ.

މާލެ މަގުމަތި / ފޮޓޯ: ދަ ޕްރެސް

ބައްދަލުވާ މީހުން މަދުވުމަކީ މި ބަލި ފެތުރުން ކޮންޓްރޯކް ކުރެވެން އޮތް އެންމެ ފަސޭހަ ގޮތަށް ވީ ހިނދު ބޭރު ތެރޭގައި އުޅުން މަދުކޮށް ބައްދަލުވާ މީހުން މަދު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ހަމައެއާއެކު މާސްކް ރަނގަޅަށް އެޅުން އާދަ ކުރުމަށާއި އަދި ގިނަގިނައިން އަތް ދޮވުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމަތެއް ހުރެއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި ޓެސްޓު ކުރުމަކީ ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ. އެމީހެއްގެ ސަލާމަތް އެމީހަކު ހޯދަންވީ ވަގުތު އައިސް މިވަނީ ޖެހިފައެވެ.