ރެޑްވޭވް ކުންފުންޏަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށް ރެޑްވޭވްގެ ވެރިޔާ ބ. އޭދަފުށީ މެންބަރު އަހުމަދު ސަލީމާ ސުވާލު ކޮށްފިއެވެ.

ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އަންނަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ފައިސާ ވަދެފައިވާ ކުންފުނިތަކުގެ މައްސަލަތައް ބަލައި، އެ ކުންފުނިތަކާ ސުވާލު ކުރަމުންނެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް އެ ކޮމިޝަނަށް ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. ރެޑްވޭވަށް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.

މި މައްސަލާއާ ގުޅިގެން އަދި ސަލީމްގެ ބަހެއް ނުލިބެއެވެ.

18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައި ވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.