މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައިވެސް ގޯސްވަމުންދާކަމަށާ، މާލެއާއި އަތޮޅުތެރޭގައި ބަލި މީހުން އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ކުރި ޓްވުޓެއްގައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަވާފައިވާ އެންގުންތަކަށް ތަބާވެ އެގޮތަށް އަމަލުތައް ބެހެއްޓެވުމަށްވެސް ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލާފައެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަންގަވާފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވުމަށާއި ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ލިބިގަތުމުގައި މިހާރުގެ ހާލަތާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށްވެސް އިލްތިމާސްކުރަމެވެ.
އެޗްއާރުސީއެމް

އެޗްއާރިސީއެމް އިން އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރެމުންދާ މި ދަނޑިވަޅުގައި މާބަނޑު މީހުންނާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާ، ކުއްލި ޙާލަތްތަކުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް އެ ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަމާލުކަންދިނުމަށެވެ.

އެއިދާރާއިން މިހެން ބުނެފައިވަނީ މިދިޔަ 24 ގަޑި އިރު ތެރޭގައިވެސް ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ޕޮޒިޓިވް ރޭޓް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މާލެ ތެރޭގައާ އަތޮޅުތެރޭގަ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދުމަށާ، ޒަރޫރީ ބޭނުންތަކުގަ ފިޔަވައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާ، މާލެ ސަރަހައްދުގަ ދަންވަރު 12 އިން ފެށިގެން ފަތިހު 04 ކާދެމެދު ވެހިކަލް ދުއްވުން މަނާކުރުމާ އޮފީސްތަކާ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދިނުމަށްވަނީ ފަށާފައެވެ.