ރެއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12 އިން ފަތިހު 04 އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެޗްޕީއޭއިން އަންގާފައިވާ އެންގުން ތަންފީޒުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިވާ ޓްވީޓުގައި ވަނީ މި ވަގުތުތަކުގައި އެ މުއައްސަސާއިން އެންމެ ފަހުން ހިންގި ކާފިއުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ދާއިމީ ފާސްތައް، ވަކި ގޮތެއް އަންގަންދެން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ހުއްދައަށް އެެދުމަށް ޕޮލިސް ޕާމިޓް ސެންޓާ ޕޯޓަލް ބޭނުންކުރެވޭނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ. ޕޮލިސް ޕާމިޓް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 1665 އެވެ.

މިރެއިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރޭގަނޑު 12:00 އިން ފެށިގެން 04:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގާފައިވާ އެންގުން ތަންފީޒް ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ.
މޯލްޑިވްސް ޕޮލިސް ސަރވިސް

މީޑިއާތަކުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލުން މީގެ ކުރިން ދޫކޮށްފައިވާ ފާސް ބޭނުންކުރެވޭނެ ކަމުގައިވެސް އެފަރާތުން ހާމަކުރެއެވެ. އަދިހަމައެހެންމެ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ފަރުދީ ގޮތުން ކުރެވެންހުރި ކަންކަން ކުރައްވަމުން ގެންދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.