މިދިޔަމަހު 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރުން މިމަހުގެ 17 ގައި ބޭއްވުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފިއެވެ.

ކޮވިޑްގެ މި ހާލަތާއި ގުޅިގެން ކައުންސިލަރުން ހުވާކުރަން ހަމަޖެހިފައި ވަނީ އޮންލައިން ކޮށެވެ.

މިފަހަރު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 400 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ވަނީ 325 ގޮނޑި ކާމިޔާބު ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 3814 ކެންޑިޑޭޓުން ވާދަކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2234 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރި 1580 ކެންޑިޑޭޓުންނެވެ.

ކޮވިޑްއާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަނީ އެއްއަހަރު ދުވަހުގެ މުއްދަތަށް ލަސްކޮށްފައެވެ. މިކަމުގެ ސަބަބުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް ލާމަރުކަޒީ ގާނުނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ހަމައެހެންމެ މިހާރު ތިބި ކައުންސިލަރުން، އާ ކައުންސިލަރުން ހުވާކުރުމާ ހަމައަށް ދެމިތިބޭނެއެވެ.