ކޮވިޑް-19އަށް ރާއްޖޭގައި ފުރަތަމަ ޖަހަންފެށި ކޮވިޝީލްޑް އާންމުކޮށް ހުޅުވާލައިގެން މާލޭގައި ޖެހުން ހުއްޓާލީ، އިތުރު ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑްގެ ހާލަތު ދުނިޔޭގައި އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ވެސް މިއީ ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޭސްތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފަ ކަމަށެވެ.

އެހެންކަމުން، މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، އާންމުކޮށް ހުޅުވައިލައިގެން ކޮމިޝީލްޑް ވެކްސިން ޖަހައިދިނުމަށް މި ވަގުތަށް މެދުކަނޑައިލާފައިވާ ކަމަށް އެއެޖެންސީން ވަނީ ބުނެފައެވެ.. ނަމަވެސް، އެމަ/ޖެންސީ ހާލަތްތަކުގަޔާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ، ވީ އެންމެ އަވަސް ފުރުސަތެއްގައި، ވެކްސިންގެ އިތުރު ބެޗްތައް ހޯދުމަށް ކަމާއި އެގޮތުން، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑް ބްރޭންޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

. ރާއްޖޭގެ އާބާދީގެ 67.69 ޕަސެންޓަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. 24.67 ޕަސެންޓްގެ އާބާދީ އަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފަވާއިރު ބޮޑު އާބާދީއެއް ޖަހައިފައި ވަނީ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖޭގައި 3 ވައްތަރެއްގެ ވެކްސިން ޖަހަންމުން އައި އިރު، ޗައިނާގް ސިނޯފާމް ވެކްސިނާއި، އެމެރިކާގެ ފައިޒާ ވެކްސިން އަދި ހުހެއް ނުވެއެވެ. ނަމަވެސް ދިވެހިންގެ ގިނަ ބަޔަކަށް ޖަހާފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ވަނީ ހުސްވުމާ ގާތްވެފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ވެކްސިން އުފައްދާ ކާރުހާނާތަކަށް ބޭނުންވާ ސާމާނު އެމެރިކާއިން ލިބުމުގައި ހުރި ދަތިތަކާ ހުރެ ވެކްސިން އުފެއްދުން ވަނީ މަޑުޖެހިފައެވެ. އިންޑިއާގައި އުފައްދާ ކޮވީޝީލްޑް ވެކްސިންގެ 28 މިލިއަން ޑޯޒް އުފެއްދުމަށް ބެނުންވާ ރޯމެޓީރިއަލް އެމެރިކާއިން ސަޕްލައި ކޮށްދިނީ މިދިޔަ ހަފްތާގެ ކުރީކޮޅެވެ.

ރާއްޖޭގައި ކޮވިޝީލްޑް ޖަހާ އިރު، ރާއްޖެއިން ކުރިން ލާރި ދެއްކި 700،000 ޑޯޒްވެސް ވަނީ ލިބުން ދަތިވެފައެވެ. އެ ވެކްސިން އުފައްދަނީ ތައިލޭންޑްގައި ނަމަވެސް، އެ ގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވުމާއެކު ފެކްޓަރީތައް ހުރީ ބަންދު ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑަށް ވެކްސިން ޖަހާ މަރުކަޒުތައް ކައިރިއަށް ވެކްސިން ޖަހަން އެއްވާ މީހުންގެ އަދަދު ގިނަވެ ވެކްސިން ނުޖެހި މިފަހުން ކޮންމެ ރެއަކު ވަނީ އާންމުން އިހުތިޖާޖުވެސް ކޮށްފައެވެ.