މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމުގެ ނުރައްކަލަށް އޮތް ފަރުވާއަކީ ވެކްސިން ކަމަށް ބުނާއިރު ރާއްޖޭގައި މިހާރު ކޮވިޑް ވެކްސިންގެ ގޮތުގައި ޖަހަމުން އައި ކޮވިޝީލް ވެކްސިން ޖެހުން ހުއްޓާލުމުން އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަން މިވަނީ އިތުރުވެފައެވެ. ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި 2 ލައްކަ މީހުންނަށް ޖަހާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުން އިއްޔެ ހުއްޓާލާފައި ވަނީ މި ވަގުތު ބޭނުންވާ އަދަދަށް ސްޓޮކް ނެތިގެންނެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެ، އެގައުމުން ވެކްސިން އެހެން ގައުމުތަކަށް ބޭރުކުރުން ހުއްޓާލުމާއެކު ރާއްޖެއަށް ވެސް ވަނީ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތި ވެފައެވެ. ދިވެހި ސަރުކާރުން ފައިސާ ދައްކާފައިވާ 700،000 ޑޯޒް ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް ލަފާ ކުރަނީ އަންނަ ޖުލައި ހިސާބުގައި ކަމަށް ބުނެފައި އޮތް ނަމަވެސް އިއްޔެ އެޗްޕީއޭއިން ބުނީ، ކުރިއަށް އޮތް ދެ ހަފްތާއެއް ހާ ދުވަސް ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ އާ ޝިޕްމަންޓެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ލިބުމުން ދެން ކޮވިޝީލްޑް ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތަފްސީލް:

  • ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ: 297،639 މީހުން
    • ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖެހީ: 228،634
    • ފައިޒާގެ ފުރަތަމަ ޑޯޒް ޖެހީ: 1140
    • ސިނޯފާމްގެ ފުރަތަމަ ޑޯޒް ޖެހީ: 67،865
  • ކޮވިޑް ވެކްސިންގެ ދެވަނަ ޑޮޒް ޖެހީ: 108،494 މީހުން
    • ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހީ: 98،436
    • ފައިޒާގެ ދެވަނަ ޑޯޒް ޖެހީ: 4
    • ސިނޯފާމްގެ ދެވަނަ ޑޯޒް ޖެހީ: 10،054

ލިބުނު ވެކްސިންގެ އަދަދު:

  • ކޮވިޝީލްޑް ވެކްސިން: 2 ލައްކަ ޑޯޒް އިންޑިއާއިން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 12000 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 1 ލައްކަ ޑޯޒް ސަރުކާރުން ގަތީ
  • ސިނޯފާމް ވެކްސިން: 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކުރި
  • ފައިޒާ ވެކްސިން: 5850 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި

ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލި އިރު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެމުން އައީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީ ކޮޅު ވެކްސިން ޖެހި މީހުންނަށެވެ. ކޮވިޝީލްޑް ވެކްސިން ވަނީ 3 ލައްކައަށް ވުރެ ގިނަ މީހުންނަށް ޖަހާ ހުސްވެފައެވެ. އިތުރަށް ހުރީ، ވެކްސިން ފުޅިފުޅިން އިތުރުވެފައި ހުރި އެތިކޮޅެކެވެ. އެއީ ސީދާ ކިތައް ޑޯޒް ކަމެއް އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ. ރާއްޖެއަށް ގެނައީ 312،000 ކޮވިޝީލްޑް ޑޯޒް ކަމަށް ވިޔަސް ބައެއް ފުޅިފުޅީގައި އިތުރަށް ހުންނާތީ، އާންމުކޮށް ފުޅިއެއްގައި 10 ޑޯޒް އަށް ވުރެ އިތުރަށް ލިބޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގް ވިދާޅުވެއެވެ. ކޮވިޝީލްޑް ޑޯޒް ގެނައި ވަރަށް ވުރެ އިތުރަށް 15 ހާސް ޑޯޒް މިހާރު ޖެހިގެން އުޅެނީވެސް ވެއެވެ. ކޮވިޝީލްޑް އާންމުކޮށް ޖަހަށް ނެތި ހުސްވެފައި ވާއިރު، މިވަގުތު ރާއްޖޭގައި ޖަހަމުން ދާ ސިނޯފާމް ވެކްސިންގެ ބާކީ ހުރީ 22،081 ޑޯޒެވެ. އަދި ފައިޒާ ވެކްސިންގެ ބާކީ ހުރީ 4706 ޑޯޒެވެ.

ވެކްސިންގެ އާ ޝިޕްމަންޓް އަންނަ އިރު ކޮވިޝީލްޑް ވެކްސިން ޖެހި އެތައް ބަޔަކު ތިބޭނީ 12 ހަފްތާއަށް ވުރެ ދުވަސް ވެފައެވެ. އެހެންވެއްޖެ ނަމަ ކޮވިޝީލްޑް ވެކްސިން ޖެހި މީހުން އަނެއްކާވެސް ވެކްސިންގެ ފުރަތަމަ ޑޯޒުން ފަށަން ޖެހުމަކީ މި ވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. އަދި ކަން މިހެން ވެއްޖެ ނަމަ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގައި ފަހަށް ވިސްނާނުލައި ނުވަތަ ފަހުން ދިމާވެދާނެ ހާލަތަކަށް ނަޒަރު ކޮށްނުލައި ޕްލޭން ކުރުމުގެ ނަތީޖާ ގޯސް ކަމަށް ދަންނަވަން ޖެހެއެވެ.

ހުޅުމާލެ ވެކްސިން ސެންޓަރު ކައިރިީ ކިއު ހެދި މީހުންތައް ހަމަނުޖެހުން ހިންގަނީ

މިއަދާ ހަމައަށް ވެކްސިން ސްޓޮކް ހުރި މިންވަރު އެޗްޕީއޭއިން އޮތީ ސިއްރު ކޮށްފައެވެ. ސުވާލު ކޮށްކޮށް ވެސް އެކަމަށް ޖަވާބެއް ނުދޭ ތަނުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް އެ އެޖެންސީން ދެމުން އައީ ބީރު ކަންފަތެކެވެ. އަނެއްކާވެސް ކޭސްތައް އިތުރުވަމުން ދާ މިދަނޑިވަޅުގައި ކިއުގައި ޖެހިގެން އާންމުން އެއް ސަރަހައްދަކަށް އެއްވެގެން ތިބެ ވެކްސިން ޖެހުމަކީ ޖެހިފައިވާ ބޮޑު ތަކުލީފަކަށް ވެ އާންމުންގެ ޝަކުވާތައް ގިނަވެ ދިވެހިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތައް:

  • މެއި 3 - 585 ޕޮޒިޓިވް ކޭސް
  • މެއި 2 - 508 ޕޮޒިޓިވް ކޭސް
  • މެއި 1 - 402 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 30 - 465 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 29 - 318 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 28 - 464 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 27 - 386 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 26 - 328 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 25 - 253 ޕޮޒިޓިވް ކޭސް
  • އޭޕްރިލް 24 - 218 ޕޮޒިޓިވް ކޭސް

ކޮވިޑް ކޭސްތައް އިތުރުވެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވެގެން ގޮސްފައ މިވަނީ ރޯދަމަސް ދެބައި ވީ ހިސާބުންނެވެ. ކޭސްތައް އިތުރުވެ މިހާރު ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތައް މިވަނީ 600 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރު "ފުލް ލޮކްޑައުން" އަކަށް ދިޔައިރު ރާއްޖެ އޮތް ހާލަތާ އަޅާ ބަލާއިރު ބިރު ގަންނަން ޖެހޭ އަދަދު ތަކެކެވެ. ހަމައެއާއެކު އެޗްޕީއޭއިން ބުނެފައި ވަނީ މިހާރު ފެންނަމުންދާ ވޭރިއަންޓަށް ބަލާއިރު ބަލީގެ ކުރީކޮޅު ޕީސީއާރް ޓެސްޓަކުން ނަތީޖާ ޔަގީން ނުވާ ކަމަށާއި އަދި ގިނަ ފަހަރު އެނގެނީ ފުއްޕާމެއަށް އަސަރުކޮށް ނިއުމޯނިއާ ޖެހޭ ހިސާބަށް މީހާގެ ހާލު ދެރަވެ ހޮސްޕިޓަލަށް ދާ ފަހުން ކަމަށެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލި އިރު އިއްޔއ މެންދުރު ވީ އިރު އެތައް ބަޔަކު ވަނީ ވެކްސިން ޖަހައިދޭ ސެންޓަރުތަކުގައި ކިއު ހަދާފައެވެ. އެތައް ބަޔަކު ރޯމާ ދުވާލު މެންދުރު އަވީގައި ކިއު ހަދައިގެން ތިއްބާ ކުއްލިއަކަށް އެޗްޕީއޭއިން އިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން މި ވަގުތަށް މެދުކަނޑަލާފައިވާ ކަމަށް ބުނެފައެވެ. ރައްޔިތުން ރަތަށް އެރިޔަސް ޖަހައިނުދޭން ބުނާ އެއްޗެއް ހޯދޭނެ އިތުރު ގޮތެއް ނެތެވެ. އެހެންކަމުން ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމަށް މާސްކް އެޅުމާއި ގިނައިން އަތް ދޮވުމުގެ އިތުރުން ގައިދުރުކަން ދެމެހެއްޓުން ފިޔަވާ ކުރެވޭނެ ކަމެއް ދިވެހިންނަށް ނެތޭ ބުނެވިދާނެއެވެ. އެހެން ކަމުން އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާށޭ ބުނާ ބަހުގައި ހިފައި މާތް ﷲ އާ ވަކީލުކޮށްގެން ތިބެން އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.