ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ސްކޫލަށް ހަޒީރުކޮށްގެން ކިޔަވާ ދިނުން މެދުކަނޑާލުމަށްފަހު، އޮންލައިން ޕްލެޓްފޯމަށް ކިޔެވުން ބަދަލު ކޮށްފައި ވާއިރު، ސްކޫލްތަކަށް ދަރިވަރުން ދައްކަން ޖެހޭ ފީގެ އަގު ކުޑަ ވާން ޖެހޭނެ ކަމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސްކޫލް ކެމްޕަސްތަކާއި ފެސިލިޓީތަކަށް ދަރިވަރުން ހާޒިރު ނުވާއިރު، ސްކޫލްތަކުން އެކަން ކަމަށް ކުރަންޖެހޭ ހަރަދު، އެތައް ގޮތަކުން ކުޑަ ވާއިރު، އެކަމުގެ އަސަރު، ދަރިވަރުން ދައްކާ ފީއިން ފެންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ފަނޑިޔާރު އޭއެމް ހާންވިލްކާރު އަދި ދިނޭޝް މަހޭޝްވަރީގެ ބެންޗުން ބުނީ، ކޮވިޑް-19ގެ މި ހައްސާސީ ދަނޑިވަޅުގައި އާއިލާތަކަށް ކުރިމަތިލާން ޖެހިފައިވާ ތަކުލީފުތަކާ، ދަތިތަކަށް ތަސައްލީއެއް ހޯދާ ދިނުމަށް، ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ވިސްނަން ޖެހޭ ކަމަށެވެ.

ސްކޫލްތަކަށް ދަރިވަރުން ހާޒިރު ނުވާ އިރެއްގައިވެސް ސްކޫލްގެ އެކި ފެސިލިޓީތަކަށް ދައްކަން ޖެހޭ ފީއާއެކު އުޖޫރަ ނެގުމަކީ، މާލީ ފައިދާ ނެގުން ކަމަށާ، އެއީ ސްކޫލްތަކުން ދުރުހެލިވާން ޖެހޭ ކަމެއް ކަމަށްވެސް، އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ބުނެފައެވެ.

ލޮކްޑައިންގެ ސަބަބުން ސްކޫލްތައް ބަންދު ކޮށްފައި ވާއިރު، ފެނާ، ކަރަންޓާ، މެއިންޓަނަންސްގެ ހަރަދުތައް ސަލާމަތް ކުރެވިފައި ވާނެ ކަންވެސް ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

އެބައެއްގެ ކޮންޓްރޯލުން ބޭރުގައިވާ ސަބަބަކާ ހެދި ސްކޫލްގެ ހިދުމަތްތަކާ ފެސިލިޓީތައް ބޭނުން ނުކުރެވޭ ހާލެއްގައި، އެކަމަށް ފީ ނެގުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ބުނެފައެވެ.

ފީ ކުޑަ ކުރުމުގެ އޮނިގަނޑު، ކަމާ ބެހޭ ފަރާތްތަކުން ފާސް ކުރަން ޖެހޭ ކަމަށާ، އެންމެ ކުޑަވެގެން 15 ޕަސެންޓުގެ އުނިކުރުމެއް ފީތަކުން ފެންނަން ޖެހޭނެ ކަމަށްވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެއެވެ. އަދި ފީ ނުދެއްކި އޮތުމުގެ ސަބަބުން އޮންލައިން ނުވަތަ ފިޒިކަލް ކްލާސްތަކަށް ހާޒިރު ވުމުގެ ފުރުސަތު، ދަރިވަރެއްގެ ކިބައިން ނިގުޅައިގަނެގެން ނުވާނެ ކަމަށްވެސް އެ ކޯޓުންވަނީ އިރުޝާދު ދީފައެވެ.