ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބޭނުން ކުރާ ވެކްސިންގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ދަތިކަން، އަދިވެސް އިތުރު މަސްތަކަކަށް ދިގުލައި ހިނގައިދާނެ ކަމަށް، އެންމެ ފުޅާ ދާއިރާއެއްގައި ކޮވިޑް ވެކްސިން އުފައްދަމުން ދިޔަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ކޮވިޑް ކޭސްލޯޑް ރެކޯޑް އަދަދުތަކުން އިތުރުވެ، ހާލަތު އިންތިހާއަށް ގޯސްވާން ފެށުމާއެކު އިންޑިއާއިން ވަނީ އެގައުމުން ބޭރަށް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. މި ނިންމުމާ އެކުގައިވެސް އިންޑިއާގެ ވެކްސިން ކެމްޕޭނަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބެމުން ނުދާ ކަމުގެ ޝަކުވާ، އިންޑިއާގެ މަސްރަހުންވެސް ދަނީ އިވެމުންނެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ އަދާރު ޕޫނަވައްލާ ވިދާޅުވީ، އެ ކުންފުނިން މިހާރު މަހެއްގެ މައްޗަށް އުފައްދަނީ 60-70 މިލިއަން ޑޯޒްގެ ވެކްސިން ކަމަށާ، މިއަދަދު 100 މިލިއަނަށް އިތުރު ވާނެ ކަމަށް ބެލެވެނީ ޖުލައި މަހު ކަމަށެވެ. ނަމަވެސް ޑޯޒް އުފައްދާ މިންވަރު، ޖުލައިގެ ކުރިން އިތުރުން ވާނެ ކަމަށް އިންޑިއާގެ ގިނަ ބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓެއްގައި ޕޫނަވައްލާ ވިދާޅުވީ ވެކްސިން އުފައްދާ ދުވެލި އަވަސް ކުރުމަކީ އެއްރެއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާ، އެއީ ވަރަށް ހާއްސަ މަރުހަލާތަކެއް ކަޑަތު ކުރަން ޖެހޭ މަޝްރޫއެއް ކަމަށެވެ.

އިންޑިއާއަށް ބޭނުންވާ ވެކްސިން ސަޕްލައި ކުރުމަށް އެ ގައުމުގެ ކުންފުނިތަކުން ވެސް ދަނީ ތަކުލީފުތަކެއް އުފުލަމުންނެވެ. މިވަރުންވެސް ކޮވިޑްގެ ދިފާއަށް ދޭ ވެކްސިން ކެމްޕޭން، އިންޑިއާގައި އެކަށީގެންވާ ރޫހެއްގައި ކުރި ނަރާ، މަޑުޖެހިފައި ވާ ކަން ފާހަގަ ކުރަންޖެހެއެވެ.

އޭޕްރިލް މަހުގެ ކުރީކޮޅު އިންޑިއާއިން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 4.5 މިލިއަން ޑޯޒްގެ ވެކްސިން ދެމުން ދިޔަ ނަމަވެސް، މި ނިސްބަތް މިހާރު ވަނީ 2.5 މިލިއަން ޑޯޒްއަށް ވެއްޓިފައެވެ.