މައުލޫމާތަކީ "އާންމުންގެ މުދަލެއް" ކަން ކަށަވަރުކޮށް، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ލިބިދީފައި އޮތް އަސާސީ ހައްގު ހިމާޔަތް ކޮށް، މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ދިފާއު ކުރުމަށް އެއްބާރުލުން ދިނުމަށް، ތައުލީމާ، ސައެންސް އަދި ސަގާފަތާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)ގެ ޑައިރެކްޓާ ޖެނެރަލް އޯޑްރޭ އަޒޫލޭ ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި އަޒޫލޭ ވަނީ، މީގެ 30 އަހަރު ކުރިން، އެފްރިކާގެ ނޫސްވެރިންނާއި އެޑިޓަރުން އަދި ޝާއިއުން ޖަމާވެގެން، މިނިވަން މީޑިއާއެއް ގާއިމު ކުރުމުގެ އުއްމީދުގައި އެކުލަވާލި "ޑެކްލަރޭޝަން އޮފް ވިންޑްހޯކް" ގައި ބަޔާންވެގެންވާ ކަންކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ލެ ސޫގު ކެފޭއިން ޗެނަލް 13ގެ ނޫސްވެރިޔާ ނެރެނީ

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ "އިންފޮމޭޝަން އޭޒް އަ ޕަބްލިކް ގުޑް" ނުވަތަ "މައުލޫމާތު، އާންމުންގެ މުދަލެއްގެ ގޮތުގައި" މި ޝިއާރެވެ. އިގުތިސޯދީ ނަޒަރިއްޔާގައި ޕަބްލިކް ގުޑް ނުވަތަ އާންމުންގެ މުދަލެއް ކަމަށް ބުނެވެނީ، އެ މުދަލެއްގެ މަންފާ ހާސިލު ކުރުމުން އެއްވެސް މީހަކު ވަކި ނުކުރެވޭ މުދަލަށެވެ. އެ މުދަލެއް ބޭނުން ކުރުމަށް އުޖޫރައެއް ނުދެއްކުނު ކަމުގައި ވީ ނަމަވެސްމެއެވެ. އަދި މި ފަދަ މުދަލަކީ، އެކަކު ބޭނުން ކުރުމުގެ ސަބަބުން އަނެކާއަށް ބައެއް އުނިވާ މުދަލެއްވެސް ނޫނެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު، އޮންލައިން ޕްލެޓްފޯމްތައް ހަލަބޮލިވެފައި ވާއިރު، ސައްހަ ނޫން މައުލޫމާތުގެ ތޫފާންތައް އަރާ، ފޫނުބެދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަން، ޔުނެސްކޯގެ ޑައިރެކްޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. ކަންމިހެން އޮތްއިރު، ހަގީގަތް އޮޅޭ ފަދަ ގޮތް ގޮތަށް ބައްޓަން ކުރެވޭ ދޮގު މައުލޫމާތުން އެއްކިބާވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި މިނިވަން ނޫސްވެރިންގެ ދައުރުގެ މުހިންމު ކަން ބަޔާންވެގެންދާ ކަމަށް އަޒޫލޭ ވިދާޅުވިއެވެ.

ޚޫރުޝީދު ޓީވީ ނިއުސް ސްޓޭޝަންގެ 15 މުވައްޒަފަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ ބަހަށް އައިސިސްއިން ހަމަލާދީފަ/ފޮޓޯ: އުމަރު ސޮބްހާނީ

ހިޔާލުފާޅު ކުރުމުގެ އެތައް ފުރުސަތެއް ތަނަވަސް ވެފައި ވީ ކަމުގައި ވީ ނަމަވެސް، އދގެ ދުނިޔޭގައި މީޑިއާގެ ތެރެއަށް ވިޔަފާރީގެ މޮޑެލް ވަނުމާ، އަމިއްލަ މަދު ކުންފުނިތަކަކުން މީޑިއާތައް ކޮންޓްރޯލް ކުރުމުގެ މައްސަލަ ބޮޑުވެފައި ވާކަންވެސް ޔުނެސްކޯގެ އިސްވެރިޔާ ވަނީ ދުވަހުގެ މެސެޖުގައި ފާހަގަ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް މެއި 3 ވަނަ ދުވަސް، އދއިން ފާހަގަ ކުރަނީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުތަކުން ކުރަންޖެހޭ އިހުތިރާމް ހަނދާންކޮށްދެނިވި ދުވަހެއްގެ ގޮތުގައެވެ. މި ބީދައިން، ނޫސްވެރިންނާ މީޑިއާގެ އަހުލުވެރިންވެސް ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާ އުސޫލުތަކުގެ ހަނދާން އާ ކޮށްދިނުމެއްގެ ގޮތުގައެވެ.