ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިވަގުތުގެ އަމާޒަކީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުން ނޫން ކަމަށާއި ރިޔާސީ ވައުދު ފުއްދެވުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެ މިވަގުތު އޮތް ހާލަތުގައި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ނޫން ކަމަށާއި އެގޮތުން ރައީސްގެ ފޯކަސް ހުންނެވީ އިގްތިސޯދު އާރާސްތުކުރުން ކަމަށެވެ. އަދި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށެވެ.

ނަމަވެސް އެކަމަށް ގިނަ ބަޔަކު ބޭނުންވެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ހަމައަށް މަޝްވަރާތައްދާ ހިސާބުން އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވާކަމަށާއި، އެކަމުގެ މައުލޫމާތު ދެވޭނީ، މަޝްވަރާތައް ނިމުމުން ކަމަށެވެ. މަބްރޫކް ވިދާޅުވިގޮތުގައި ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ސަރުކާރުގެ އެކި މަގާމުތަކަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުން ކަމަށެވެ. އެގޮތުން އޭނާ ވިދާލުވީ އެކި ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މަގާމުތަކަށް ބަދަލު އަންނާނެކަމަށެވެ.

މަބްރޫކް އެހެން ވިދާޅުވެފައި ވާއިރު، ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސަށް ވަނީ މެސެޖެއް ފޮނުއްވާފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ މިހާރު ވެރިކަން ކުރަމުން އަންނަ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.