މާލޭ ސިޓީ ކައުންސިލުން، އަލަށް އިންތިހާބުވި މޭޔަރާއި ކައުންސިލަރުންނާ ބައްދަލުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ މި ބައްދަލުވުމަކީ ސިޓީ ކައުންސިލަށް އަލަށް ހޮވިވަޑައިގަތް މެމްބަރުންނަށް ތައާރަފެއް ދިނުމަށްޓަކައި އެ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ސިޓީ ކައުންސިލުގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި އެހެން މެމްބަރުންގެ އިތުރުން އެ އިދާރާގެ ބައެއް މުވައްޒަފުންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައި ވެއެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ވަނީ އިދިކޮޅު ޕީޕީއެމް އިން ނަގާފައެވެ. އެ ޕާޓީއިން މާލޭ ސިޓީ ކައުންސިލްގެ 11 ގޮނޑި ކާމިޔާބު ކުރިއިރު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 5 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށްވެސް ގޮނޑިއެއް ލިބިފައިވެއެވެ.

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން ބާއްވަން ހަމަޖެހިފައިވަނީ ރޯދައިގެ ފަހުން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފައިވެއެވެ.