ނޫސްވެރިންގެ ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާ ހިނދުގައި ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން މިގޮތަށް ބުނެފައިވަނީ "މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ" ގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރިޔަށް ގެންދިޔަ އިހުތިޖާޖު ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާކަމަށާ ބޭއަދަބީބަހުން ނޫސްވެރިންނާ މުހާތަބުކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމުގެ ޝަކުވާތަށް މީޑިއާ ކައުންސިލަށް ލިބުމާއި ގުޅިގެންނެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މީޑިއާ ކައުންސިލުން ވަނީ މިފަދަ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނެފައިވަނީ ބައެއް ނޫސްވެރިންގެ ކިބައިންވެސް، ނޫސްވެރިކަމުގެ އަހުލާގުގެ މިންގަނޑާ ހިލާފު އަމަލްތައް ފެނިފައިވާ ކަމަށާއި ނޫސްވެރިންނަކީ މަސައްކަތުގެ ތެރޭގައި ވަކި މިންގަނޑެއް ހިފަހައްޓާ، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ނޫސްވެރިންގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލުން ވަނީ އިހުތިޖާޖާ ގުޅިގެން ކަން ހިނގާފައިވަ ގޮތް ބަލައި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައިވާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ރޭގެ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކުރުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް މުޒާހަރާގެ ބައިވެރިން ޝަކުވާކޮށްފައިވާ އިރު މިކަން އިތުރަށް ތަހްގީގުކުރުމަށް ނިންމާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.