އިންޓަނެޓްގެ އަގުހެޔޮ ކުރުމާ މެދު ސަރުކާރުން އަދި ގޮތެއް ނިންމާފަ ނުވާ ކަމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އިސްމާއިލް އެހެން ވިދާޅުވެފައިވަނީ އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ހަބަރުތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުލައި މަހު އިންޓަނެޓް އަގުހެޔޮވާނެ ކަމަށް ބުނެ ފަތުރަނީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ކަމާގުޅޭ ފަރާތްތަކާއެކީ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ މިހާރު ދެ މަސް ވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އެއްވެސް ކަމެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ދާދި ފަހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށް ވިދާޅުވެފައެވެ.
އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާ އަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ސަރުކާރުގެ މަސައްކަތަކާ ނުލާ މިހާރު އިންޓަނެޓްގެ އަގު ކޮންމެވެސް ވަރަކަށް ހެޔޮ ވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކުޑަ މިންވަރެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.
އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އަދި ވެސް އެވައުދު ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.