އއ. މަތިވެރިން އިތުރު 24 މީހަކު ޕޮޒިޓިވްވެ އަދަދު 210 އަކަށް އަރައިފިއެވެ.
މަތިވެރި ހެލްތްސެންޓަރުން މިއަދު އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން 54 ސާމްޕަލްއެއްގެ ނަތީޖާ އަދި ލިބަފައެއް ނުވެއެވެ. މަތިވެރިން އެންމެ ފުރަތަމަ ކޭހެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
އއ. މަތިވެރީގެ އިތުރުން އެއަތޮޅު ރަސްދޫ އާއި އުކުޅަސް އަދި ބޮޑުފޮޅުދޫވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ހަމަ އެހެންމެ މާލެއިން އދ. ދަނގެއްޗަށް ދިޔަ މީހަކު އަލާމާތްތައް ފެނިގެން ހެދި ޓެސްޓުން ޕޮޒިޓިވްވެ އެރަށްވެސް ވަނީ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މާލެއިން ދަނގެއްޗަށް ގޮސްފައި ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓް އާއިއެކުއެވެ.
މިހާރަކަށް އައިސް އަތޮޅުތެރެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަނީ މައްޗަށެވެ. އެގޮތުން ރާއްޖެއިން މުޅިޖުމުލަ އިއްޔެ 465 މީހުން ޕޮޒިޓިވްވި އިރު ބުރާސްފަތި ދުވަހު ވަނީ 318 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ބުދަ ދުވަހު 464 މީޙަކު ޕޮޒިޓިވްވެފައި ވާއިރު، އަންގާރަ ދުވަހު 386 ކޭސް، ހޯމަ ދުވަހު 328 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު ވަނީ 318 ކޭސް ރިޕޯޓް ކޮށްފައެވެ.