މިއަދަކީ ތަފާތު އެކި ވަޒީފާ އަދާކުރާ މީހުންގެ ޗުއްޓީ ދުވަހެއް ނަމަވެސް ރާއްޖޭގައި ސިވިލް ސާވިސް ފިޔަވާ އެހެން ދާއިރާތަކުން އެކަން ފާހަގަ އެއް ނުވެއެވެ. އަމިއްލަ އޮފީސްތަކާއި، ކެފޭ ހޮޓާ ރެސްޓޯރަންޓުތަކާއި ފިހާރަތަކުގައި މުވައްޒަފުން ބުރަ މަސައްކަތުގައި އަވަދި ނެތި އުޅޭކަން އެންމެނަށް އެނގެއެވެ.

ކޮންމެ އަހަރެއްގެ މޭ 1، ހާއްސަ ވަނީ މަސައްކަތްތެރިންނަށް ކަމަށް ވެފައި ދުވަހަކީ މަސައްކަތްތެރިންނަށް ޗުއްޓީ ދުވަހަކަށް ވާން ޖެހުނަސް، ވަޒީފާ ދޭ "ބޮސް" ހިތްހަމަ ޖައްސަން މަސައްކަތަށް ނުކުންނަން ޖެހެއެވެ. މުސާރަ ބޭނުން ވަންޏާ އެނޫން ގޮތެއް ވެސް ނެތެވެ.

ލޭބާ ޑޭ ނުވަތަ މޭ ޑޭ އަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކަށް ވާ އިރު، މިއަދަކީ ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ތަފާތު ޝުއޫރުތައް މަސައްކަތްތެރިން ފާޅު ކުރާ ދުވަހެކެކެވެ. ހައްގު ހޯދުމާއި އަޑު އުފުލުމާއި، ތަފާތު އެކި ހަފްލާތައް ބޭއްވުމަކީ މިއަދަށް ހާއްސަ ކަމެކެވެ.

ރާއްޖޭގައިވެސް މި ދުވަސް ފާހަގަ ކުރުމަށް ތަފާތު ކަންކަން މާޒީގައި ކޮށްފައި އެބަހުއްޓެވެ. މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ވަކާލާތު ކުރުން ފަދަ ކަންކަމެވެ.

މުވައްޒަފުންތަކެއް ހައްގު ހޯދަން އިހުތިޖަޖު ކުރަނީ---

ލޭބާ ޑޭ ފާހަގަ ކުރާ އިރު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ލިބެން ހުރި ވަޒީފާގެ 70 ގުނަ އިތުރަށް މީހުން ވަޒީފާ ބޭނުން ވެއެވެ. ރާއްޖޭގައި ވަޒީފާތައް އެއް ފުރާޅެއްގެ ދަށަށް ގެންދިއުމަށް ހެދި ޖޮބް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް، ވަޒީފާ ބޭނުންވެގެން 36،850 މީހަކު ވަނީ ލިސްޓް ކޮށްފައެވެ. އެ ޕޯޓަލުން ފެންނަ ގޮތުގައި މިވަގުތު 40 ވަޒީފާއެއް ހުސްކޮށް އެބައޮތެވެ. އެއީ ވަޒީފާ ދޭ 883 ފަރާތަކުން އިއުލާން ކުރި 470 ވަޒީފާގެ ތެރެއިން މިހާރު ހުސްކޮށް އޮތް އަދަދެވެ. ރާއްޖެގައި ވަޒީފާގެ އެންމެ ބޮޑު ޕްލެޓްފޯމް ގެޒެޓަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 3511 ވަޒީފާއެއް ވަނީ އިއުލާން ކޮށްފައެވެ.

ވަޒީފާގެ ބާޒާރުގައި ޑިމާންޑާއި ސަޕްލައި ހުރި މިންވަރަށް ބަލާއިރު، ބޮޑުތަނުން ވަޒީފާތައް އުފެދެން ޖެހޭ ކަމީ ސުވާލެއްވެސް ނެތް ކަމެކެވެ. މަސައްކަތްތެރިކަމުގެ އެކިއެކި އިންޑަސްޓްރީ ތަކުގައި ގިނަ އަދަދެއްގެ ވަޒީފާ އުފެދެން ޖެހެއެވެ. އާމްދަނީ ލިބޭނެ މަސައްކަތްތައް ކުރެވޭނެ މަގުތައް ފަހިވާން ޖެހެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބުނަނީ ކީކޭ

ސަރުކާރުން ބުނަނީ މިއަހަރުގެ ތެރޭގައި ހަމަ އެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް 9000 ވަޒީފާ އުފެދޭނެ ކަމަށެވެ. އެހެނިހެން ދާއިރާތަކުން އުފެއްދޭނީ ކިހާ ވަޒީފާއެއް ކަން ސަރުކާރަށް ބުނަން ނޭނގުނަސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަހަރު ތެރޭގައި ގިނަ އަދަދެއްގެ ވަޒީފާތައް އިއުލާނު ކުރިއެވެ. ހާއްސަ ކޮށް ލޯކަލް ކައުންސިލް އިންތިހަބާ ދިމާކޮށް ބައެއް ކުންފުނިތަކުން ވަނީ ވަޒީފާ އިއުލާން ކޮށްފައެވެ.

ސަރުކާރުން ހާމަ ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ވިޔަފާރިއަކުން މަދުވެގެން 6 ވަޒީފާ އުފެދޭނެ ކަމަށް ބަލައި، މުޅި ރާއްޖެ ހިމެނޭ ގޮތުން 721 ފަރާތަކަށް 906 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފައެވެ. އަދި ފާއިތުވީ 2 އަހަރު ތެރޭގައި 4326 ވަޒީފާއެއް އުފެދުނު ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

721 ވިޔަފާރިއަށް ލޯނު ދޫކުރި ދާއިރާތަކާއި އަދަދުތައް

ވަޒީފާގެ ބާޒާރަށް ލުޔެއް ގެނައުމަށް ސަރުކާރުން ކޮވިޑް ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައި ވާކަން ހާމަ ކުރަމުން ސަރުކާރުން ބުނީ، ތަފާތު އެކި ގޮތްގޮތުން ވަޒީފާއަށް އަސަރު ކުރި 22،786 މީހަކަށް 418 މިލިއަން ރުފިޔާގެ އިންކަމް ސަޕޯޓް އެލަވަންސް ދީފައި ވާ ކަމަށެވެ. އަދި ދިވެހިން ވަޒީފާތަކުން ވަކި ނުކުރަން ޝަރުތު ކޮށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޖުމްލަ 419 ވިޔަފާރި އަކަށް 585.9 މިލިއަން ރުފިޔާ އާއި 8 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައި ވާ ކަމަށެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަޕޯޓް ކޮށްދިނުމުގެ ގޮތުން 1557 ލޯނަކަށް 343،477،423 ރުފިޔާ ދޫކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ 662 މީހަކަށް 19،817،000 ރުފިޔާ ދޫކޮށްފައި ވާކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ބައެއް ގާނޫނުތައް

ވިޔަފާރީގެ ދާއިރާއިން ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނަކީ މަސައްކަތްތެރިންނަށް އޮތް ގަނޫނީ ބާރުވެރިކަމެވެ. ވިޔަފާރީގެ ދާއިރާއިން ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ގާނޫނުން އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ ގުޅުމުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސް އެޅިގެން ދާ ދިއުން ކޮންޓްރޯލް ކުރެވެއެވެ. އޭގެ އެއް ފައިދާ އަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް މާކެޓްގައި ކުރިއަށް ގޮސް ވާދަވެރިކަން އުފައްދާ ވަޒީފާ އުފެއްދުމުގެ ފުރުސަތު ފަހިގެން ދިއުމެވެ.

މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުތަކަކީ މުހިންމު އިސްލާހުތަކެކެވެ. އެންމެ މުހިންމު އެއްކަމަކީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ލާޒިމު ކުރުމެވެ. އަދި އިތުރު ވަގުތު މަސައްކަތް ކުރަން ބޭނުން ނުވާ މުވައްޒަފުންނަށް މަސައްކަތް ކުރާ ތަން ދޫކޮށް ދިޔުމުގެ ހައްގާއި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ސޮއިކޮށް އެއްބަސްވުމުގެ ކޮޕީ މުވައްޒަފަށް ދޭން ލާޒިމު ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ސާވިސް ޗާޖާ ބެހޭ ގަވާއިދަށް އަމަލުކުރަން ލާޒިމު ވުމާއެކު ހާއްސަކޮށް ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ސާވިސް ޗާޖު ޔަގީންވެގެން ދިޔުން ހިމެނެއެވެ. އަދި އެއީ ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ 9 ޕަސެންޓުކަންވެސް ވަނީ ކަނޑައަޅާފައެވެ.

ބިދޭސީ މަސައްކަތްތެރިންތަކެއް އިހުތިޖާޖު ކުރަނީ

ފެންނަން ނެތް މައުލޫމާތު

ލޭބާ ޑޭ ފާހަގަ ކުރާއިރު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ އަދަދު ފެންނަން ނެތުމަކީ ހިތާމައެކެވެ. ސަރުކާރުގެ ތަފާސް ހިސާބާ ބެހޭ އޮފީހުން އާންމު ކުރާ މައުލޫމާތު ފޮތްތަކުގައިވެސް އެ އަދަދުތައް ފެންނާކަށް ނެތެވެ. ސިވިލް ސާވިސްގައި އުޅޭ މުޒައްފުންނާއި ރާއްޖޭގައި އުޅޭ ބޭރު މީހުންގެ މައުލޫމާތު ފެންނަން ހުއްޓަސް، ޕްރައިވެޓް ސެކްޓާގައި ވަޒީފާތައް ބެހިފައި ހުރި ގޮތާއި ގިންތިއާއި، މިންތީންގެ ހަމަހަމަ ކަން ހުރި ގޮތެއްވެސް މުސާރައެއްވެސް ފެންނާކަށް ނެތެވެ.

ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުކޮށްގެން ބޯހިމެނުމާއި އެކިއެކި ނަންނަމުގައި ސާވޭތައް ހިންގާއިރު، ބޭނުންވާ މައުލޫމާތު އަތުޖެހޭ ހިސާބުގައި ނެތުމަކީ އުނި ކަމެކެވެ. ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އެއް ވިއުގައެއްގައި ހިންގަމުން ދާއިރު ވަޒީފާގެ ބާޒާރާ ގުޅޭ ހުރިހާ މައުލޫމާތެއް ފެންނަން ހުންނަން ވާނެއެވެ. މުވައްޒަފުންނަށް ފަސޭހަކަމާއެކު އެމީހެއްގެ ފައިލް ބެލެން ޖެހޭނެއެވެ. އަދި ލިބެން ހުރި ވަޒީފާތަކާއި، ވަޒީފާލިބޭނެ ގޮތްވެސް އެނގެން އޮންނަން ޖެހޭނެއެވެ. ކޮލިފިކޭޝަނާ ބައްދަލު ވަޒީފާއެއް ކަމުގައި ވާނަމަ، އެންމެ ގާބިލު ކެންޑިޑޭޓަށް އެ ވަޒީފާއެއް ލިބޭނެކަންވެސް އެނގެން ޖެހޭނެއެވެ.

ލޭބާ ޑޭ ފާހަގަ ކުރާ މި ދުވަހު، ވަޒީފާގެ ބާޒާރާއި ވަޒީފާ އުފެއްދުމަށް ސަރުކާރަށް ބާރު އެޅުމަށް ސިޔާސީ އެކިއެކި ޕާޓީތަކުން ކުރަނީ ކޮންކަމެއްތޯ ބަލަށް އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޕީ ހަސަން ލަތީފަށް ގުޅުމުން އޭނާ ޖަވާބެއް ނުދެއްވިއެވެ. ޕީޕީއެމް އަދި ޕީއެންސީންގެ އެމްޕީ މުހައްމަދު ސައީދަށް ގުޅުމުން އޭނާ ވެސް ޖަވާބެއް ނުދެއްވިއެވެ.