މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައުޒޭޝަން (އެސްޓީއޯ) އަށް 109 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.
އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އާ އަޅާ ބާލައިރު މި އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 109 މިލިއަން ރުފިޔާއަކީ 16.5 ޕަސެންޓް އިތުރު ވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބިފައި ވަނީ 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
2020 ގައި ލިބުނު ސާފު ފައިދާ:
- 2020ގެ ފުރަތަމަ ކުއާޓަރު: 114 މިލިއަން ރުފިޔާ
- 2020ގެ ދެވަނަ ކުއާޓަރު: 105 މިލިއަން ރުފިޔާ
- 2020ގެ ތިންވަނަ ކުއާޓަރު: 100 މިލިއަން ރުފިޔާ
- 2020ގެ ހަތަރުވަނަ ކުއާޓަރު: 91 މިލިއަން ރުފިޔާ
މި ކުއާޓަރުގައި ޖުމްލަ އާމްދަނިއެއްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަައެވެ. އަދި މި ކުއާޓަރުގައި ކުރި ހަރަދަށް ބަލާއިރު އެސްޓީއޯއިން ވަނީ 231 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
2020 ގައި ލިބުނު ޖުމްލަ އާމްދަނީ:
- 2020ގެ ފުރަތަމަ ކުއާޓަރު: 2.4 ބިލިއަން ރުފިޔާ
- 2020ގެ ދެވަނަ ކުއާޓަރު: 1.2 ބިލިއަން ރުފިޔާ
- 2020ގެ ތިންވަނަ ކުއާޓަރު: 1.5 ބިލިއަން ރުފިޔާ
- 2020ގެ ހަތަރުވަނަ ކުއާޓަރު: 1.8 ބިލިއަން ރުފިޔާ
އެސްޓީއޯގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުނިން މި އަހަރު ކުރި ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލުންނެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ. އަދި އެ ނޫން ދާއިރާ ތަކުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 706 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް އެ ކުންފުނީގައި 2032 މުވައްޒަފުން މަސައްކަތް ކުަރަމުންދާ ކަމަށް ދައްކައެވެ. މީގެތެއިން 1646 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ ގޮތުގައި 386 މީހުން މަސައްކަތް ކުރެއެވެ. އެސްޓީއޯއަކީ ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެކެވެ.