ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއިން އަދާކުރަމުންދަނިކޮށް، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ 9 މީހުންނަށް މުސާރަ އާއެކު ވަޒީފާ ދޭން އަންގައިފިއެވެ.

ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ އެމައްސަލާގައި އާމިނަތު ޝެހެނާޒު އަދި އިތުރު 8 މީހުންގެ ފަރާތުން ސިވިލް ސާވިސް ކޮމިޝަންއަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގާ އެމީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ތަމްސީލުކޮށްފައިވަނީ އެ ޖަމްއިއްޔާގެ ފަރާތުން ކަމަށެވެ.

އެގޮތުން އިއްޔެ އެ މައްސަލަ ނިންމަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ކަމަށާއި، މައްސަލަ ހުށަހެޅި މީހުންނަށް ކުރިން އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން އަނބުރާ އިޔާދަކޮށްދިނުމަށާ، އަދި ވަޒީފާ އިއާދަކޮށްދޭ ތާރީހާ ހަމަޔަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެފަރާތްތަކަށް ލިބިދިނުމަށް ކަމަށް އެބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ މުވައްޒަފުން، ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެން އަދި ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގާ ކަމަށެވެ.

އެކަންކަން ގާއިމްނުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެ މުވައްޒަފުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބަޔާނުގައި ބުނެއެވެ.

އެ މައްސަލައިގެ ނިންމުމަށް އެސެންޓަރުން މަރުހަބާ ކިޔާ ކަމަށާއި އެނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާއަދާކުރުމުގެ ހައްގުން މަހުރޫމުވެފައިވާ މީހުންނަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.