ކިޔަވާ ދަރިވަރުން ހަދާ އެސައިމަންޓެއް އެހެން ފަރާތަކަށް އަގު ދީގެން މަސައްކަތް ކުރާނަމަ ޖޫރިމަނާ ކުރުމަށް މަތީ ތައުލީމާއި ބެހޭ ބިލުގައި ހިމަނާ އެ ބިލު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅި އެއެބިލު ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވިއިރު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުން ނުވަތަ ކޮށްދޭން ހުށަހެޅުން އެއީ ކުށެއް ކަމަށް ވަނީ ހިމަނާފައެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމި މި ބިލު ފާސް ކުރުމަށް 49 މެންބަރުން ވޯޓު ދެއްވާފައި ވާއިރު އެ ބިލުގައި ވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ބުނެފައި ވަނީ މިފަދަ އަމަލެއް ދަރިވަރަކު ކޮށްފި ނަމަ މި ބިލު ފާސްވެ ގާނޫނަކަށް އަމަލު ކުރަން ފެށުމާއެކު ހަދާ ގަވާއިދުގައި އެ ދަރިވަރަކު ކުރި ކުށް ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރަން ވާނެ ކަމަށެވެ. އަދި މި ނިޒާމު ތައުލީމު ދޭ ހުރިހާ މަރުކަޒެއްގައި ގާއިމް ކުރެވެން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި މި ބިލުގައި ބަޔާން ކޮށްފައިވާ އަދަބު ނޫން އަދަބެއް ދަރިވަރަށް ދިނުމަށް މި ބިލު ހުރަހެއް ނާޅާނެ ކަމަށްވެސް ބިލުގައިވެއެވެ.

މިފަދަ އަމަލުތައް ހިންގާ ދަރިވަރުންގެ މައްސަލަތައް ބެލުމަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން މިފަދަ ނިޒާމުތައް ގާއިމް ކުރަމުން ދޭތޯ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ބަލަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.