މިހާރު އިންޑިއާގައި ކޮވިޑް ބަލިމަޑުކަން ފެތުރިފައިވާ މިންވަރާއި އެ ގައުމުގެ ހާލަތަށް ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް ބަލިމަޑުކަން ފެތިރެމުންދާ މި ދަނޑިވަޅުގައި އަވައްޓެރި އިންޑިއާގައި އުފެދެމުން އަންނަ ރާޅާ މެދު ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭ އޮތީ އިންޑިއާ ރައްޔިތުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އެގައުމު ކުރިމަތިލަމުން އަންނަ މި ދަތި ވަގުތުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އިންޑިއާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާ ރައީސް ސޯލިހް ވަނީ އެ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަފުޅު ކުރައްވާފައެވެ.

ކޮންޓްރޯލެއް ނެތި އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނައިރު، ސިއްހީ ހިދުމަތްތެރިން ވަނީ ރޭއާ ދުވާލު ހިދުމަތުގައި އުޅެ މުޅިންހެން ވަރުބަލިވެފައެވެ. ކޮވިޑް ޖެހިގެން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި މަރުވި 3000 އަށް ވުރެ ގިނަ މީހުންނާއެކު، އިންޑިއާއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 201187 އަށް އަރާފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑް ތަކުން ދައްކައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން، އިންޑިއާގައި މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހެނީ އެންމެ 15 ވަރަކަށް ޕަސެންޓް މީހުންނެވެ. މީގެ ތެރެއިން އޮކްސިޖަން ބޭނުންވާ މީހުންގެ އަދަދު އަދި އެއަށްވުރެވެސް މަދެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުންދާތީ މިހާރު އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކުރީ ސަފަށް ނިކުމެފައެވެ. އަދި އަސްކަރިއްޔާގެ ރިޒާވްގައި ހުރި އޮކްސިޖަން ސަޕްލައި ދޫކުރާން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވާތު ވަނީ ވިދާޅުވެފައެވެ.