ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ކޮވިޑް ބަލިން ފަސޭހަ ވެއްޖެއެވެ.

މިކަން ހާމަ ކުރައްވަމުން ފަޒްނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ކަމަނާއަށް ހެޔޮ ދުއާ ކުރި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މެޑަމް ފަޒްނާ ޕޮޒިޓިވް ވެފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރައްވާފައެވެ. ރައީސް ސޯލިހާއި، ސަރާ އަދި ޔަމާންގެ ވެސް ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.