މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރިމަތިލާންޖެހުނު އިގުތިސޯދީ ތަކުލީފުތަކާއެކުގައިވެސް، ނިމިދިޔަ 2020 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަސްކަރީއްޔާއަށް ކުރި ހޭދައިގެ އަގު، ގާތްގަނޑަކަށް 2 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
ސްޓޮކްހޯމް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން އާންމު ކުރި ރިޕޯޓްގައި ވާ ގޮތުން، މިދިޔަ އަހަރު އަސްކަރީ ކަންކަމަށް، 1981 ބޮލިއަން ޑޮލަރު ހަރަދު ކޮށްފައި ވާއިރު، މިއީ 2.6 ޕަސެންޓްގެ އިތުރުވުމެކެވެ. ނަމަވެސް މި މުއްދަކީ ދުނިޔޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތް، 4.4 ޕަސެންޓް ދަށަށް ދިޔަ ވަގުތެއްކަންވެސް މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.
ރިޕޯޓް އެކުލަވާލެއްވުމުގައި މަސައްކަތް ކުރެއްވި އެއް މުސައްނިފު ކަމަށްވާ ޑިއޭގޯ ލޯޕޭސް ޑަ ސިލްވާ ވިދާޅުވީ، ހޯދުންތަކުން ލިބުނީ އުއްމީދުކުރެއްވި ފަދަ ނަތީޖާއެއް ނޫން ކަމަށެވެ. ޑަ ސިލްވާ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން އަސްކަރިއްޔާއަށް ކުރާ ހޭދަތައް މަދުވާނެ ކަމަށް ހީވި ކަމުގައި ވީ ނަމަވެސް، އެކަމުގެ އަސަރު 2020 ވަނަ އަހަރުން ފެނިފައި ނުވާ ކަމަށެވެ.
ބައެއް ގައުމުތަކުން އަސްކަރީ ކަންކަމަށް ހޭދަ ކުރަމުން އަންނަ ގޮތަށް ބަލާއިރު، ދުނިޔެއަށް މި ލިބުނު ޝޮކަށް އަހަލުވެރިވުމަށް ވަގުތު ނެގުން އެކަށީގެންވާ ކަމަށްވެސް ޑަ ސިލްވާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަސްކަރީ ކަމަށް ހޭދަ ކުރި މިންވަރު އަހަރުން އަހަރަށް އިތުރުވީ ގޮތަށް ބަލާއިރު، 2.2 ޕަސެންޓުން 2.4 ޕަސެންޓަށް އިތުރުވިއިރު، މިއީ 2009 ވަނަ އަހަރުގެ މާލީ ކާރިސާއަށްފަހު މިއަދަދު މިހާ މަތިން ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދިފާއީ ހަރުދުތަކަށް ބަދަލުގެނައި ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ އަދި ޗިލީ ހިމެނެއެވެ. އަދި ބްރެޒީލްއާއި ރަޝިއާއިންވެސް ނުސީދާ ގޮތެއްގައި ދިފާއީ ހަރަދުތައް ކުޑަކުރި ކަމަށް ޑަ ސިލްވާ ފާހަގަ ކުރެއްވިއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ބަލާއިރު، ދިފާއަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އެމެރިކާ އަދި ޗައިނާއިންނެވެ. އެމެރިކާއިން ކުރި ހޭދައިގެ 39 ޕަސެންޓަކީ ދިފާއީ ކަންކަމަށް ކުރި ހޭދަ ކަމަށް ވާއިރު، ޗައިނާއިން ކުރި ހޭދައިގެ 13 ޕަސެންޓް ހިއްސާ ކުރަނީ ދިފާއީ ހަރަދުތަކެވެ.