ފަރުވާއެއް ހޯދިފައިނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ހުޅުގަނޑު އަނެއްކާވެސް ފަޅައިގެން ގޮސްފައި ވާއިރު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މިކަން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ސަޕްލައި ޗޭނުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާ، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލިގެން ދިއުމުގެ ޕްރެޝަރާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު، އިންޑިއާގެ މަރުކަޒީ ބޭންކު (އާރްބީއައި) އިން ދީފިއެވެ.

އާރްބީއައިގެ "ސްޓޭޓް އޮފް ދި އިކޮނޮމީ" ރިޕޯޓްގައި މި އިންޒާރު ދީފައިވާ ދަނޑިވަޅަކީ، ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ފެންނަމުންދާ އިންޑިއާގެ ބައެއް ސަރަހައްދުތައް ލޮކްޑައުންވެސް ކޮށްފައިވާ ދަނޑިވަޅެކެވެ.

އާރްބީއައިއިން ބުނީ، އިންޑިއާގެ އިންފްލޭޝަން ރޭޓް ނުވަތަ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭ ނިސްބަތް 4 ޕަސެންޓްގައި ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. ބާޒާރުގެ ކަންކަން އެއް ވާނެއްގައި ހިފަހައްޓާލުމަށްޓަކައި، އިންފްލޭޝަން ރޭޓް މި ނިސްބަތުގައި ބޭއްވުން މުހިންމު ކަމަށް އާރްބީއައިއިން ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، މޫސުމީ ވިއްސާރައިގެ މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް ލަފާ ކުރެވުމާ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ދަށަށް ދިއުމަކީ ހެޔޮ ސިގުނަލެއް ކަމަށްވެސް އާރްބިއައިއިން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑެތި މީހުންގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީވެސް، އިގުތިސޯދީ ނަޒަރަކުން ބަލާއިރު ހެޔޮ ފާލެއް ކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ފާހަގަ ކޮށްފައެވެ.

މި ދަނޑިވަޅަކީ ކޮންޓްރޯލެއް ނެތި އިންޑިއާގައި ކޮވިޑް ފެތުރެމުން އަންނަ ދަނޑިވަޅެކެވެ. 3 ލައްކައަށް ވުރެ މަތިން ކޭސް ރިޕޯޓް ކުރަމުން އަންނަތާ މިހާރު ވަނީ ވިދިވިދިގެން 5 ދުވަސް ވެފައެވެ. އިއްޔެވެސް އެ ގައުމުން ވަނީ 319435 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އަދި ކޮވިޑް ޖެހިގެން 2764 މީހަކު މި ބަލީގައި އިއްޔެ އެ ގައުމުން މަރުވި ކަމަށްވެސް ރެކޯޑް ކޮށްފައެވެ.