އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ އެހެންވެސް ބައެއް ސިޓީތަކުގެ ހޮސްޕިޓަލުތަކުން އެނދުތައް ހުސްވެއްޖެއެވެ. ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުތައް ދަށެއް ނުވެއެވެ. މިއާއެކު، އާއިލާތަކަށް މަޖުބޫރުވެފައި ވަނީ ގޭގައި ދެވެން އޮތް ގޮތަކަށް ފަރުވާ ދިނުމަށެވެ. ނަމަވެސް، އެއީވެސް މިހާރު މާ ފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.

ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވާ މީހުންނަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރުތަކާ، ކޮންސަންޓްރޭޓާގެ އިތުރުން ބޭސްފަރުވާގެ ސާމާނުތަކުގެ އަގު، ކަޅު ބާޒާރުގައި އުފެލެމުން ދަނީ އަތް ނުފޯރާ ފަށަށެވެ. މިފަދަ ބައެއް ސާމާނު ވިއްކާ ފަރާތްތަކުން އަގު ކިޔަމުން ދަނީ ހިތު ހުރި މިންވަރަކަށް އުފުލަމުންނެވެ.

އިންޑިއާގެ ހޮސްޕިޓަލުގެ ބޭރުގައި އޮކްސިޖަން ސިލިންޑަރު ހޯދުމަށް ބަލި މީހުންގެ އާއިލާތަކުން ސަފު ހަދާފަ/ފޮޓޯ: މުޚްތާރު ހާން

ދުވާލެއްގެ މައްޗަށް އިންޑިއާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު، 3 ލައްކައަށް ވުރެ މަތިން ރިޕޯޓް ކުރަމުން އަންނަތާ މިހާރު ވިދިވިދިގެން 4 ދުވަސް ވެއްޖެއެވެ. ގިނަ ބަޔަކަށް ހޮސްޕިޓަލުތަކުގެ ދޮރުތައް ބަންދުވެފައި ވާ އިރު، ދެވެން އޮތް ފަރުވާއެއް ދިނުމަށް އާއިލާތަކުން ވަމުންދާ ގުރުބާނީގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާ، މިވަގުތަށް ބޭނުންވާ އެންމެ ޒަރޫރީ އުފެއްދުންތަކުގެ ކަޅު ބާޒާރެއް އިންޑިއާގައި އުފެދުނީއެވެ.

އިންޑިއާގެ ކޮވިޑް ކަޅުބާޒާރުގެ ބައެއް އަގުތަށް / މަސްދަރު: ބީބީސީ

ބޭހުގެ ސަޕްލައި ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ވެފައިވާ ވައުދު ފުދޭތީ އަދިއެއް ނުފެނެއެވެ. ބުނެވޭ ގޮތުގައި، އުފެއްދުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން ނިންމުން ނިންމިލެއް ލަސްވީއެވެ. އަދި މިއަށްވުރެ ރަނގަޅަށް، އިންޑިއާގެ ސަރުކާރުން ދެވަނަ ރާޅަކަށް ތައްޔާރުވާން ޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެޕިޑެމޮލިޖިސްޓް ޑރ ލަލީތު ކާންތު ވިދާޅުވީ، ކަޅުބާޒާރުން ކޮންމެވެސް ވަރަކަށް ރެމްޑެސިވިއާ ގަންނަން ލިބޭ ކަމަށެވެ. އެހެންކަމުން، ނިޒާމުގެ ތެރެއިން ކަޅުބާޒާރަށް ލީކެއް އުޅެނީ ކަމަށާ، ކަމާ ބެހޭ ފަރާތްތަކަށް އެ ލީކު ބަންދު ނުކުރެވިފައި ވާ ކަމަށެވެސް އޭނާ ވިދާޅުވިއެވެ. އަދި ފުރަތަމަ ރާޅުން އެއްވެސް ވަރެއްގެ ފިލާވަޅެއް، އިންޑިއާއަށް ދަސްވެފައި ނުވާ ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާގެ ހޮސްޕިޓަލުތަކުން އާ ޕޭޝަންޓުން ބަލައިގަތުން ވަނީ ހުއްޓާލާފަ / ފޮޓޯ: ގެޓީއިމޭޖަޒް | ބީބީސީ

ކަޅުބާޒާރުގެ ވާހަކަ ހަވާސާ ކުރުމަށްފަހު، "ފޭކު" ބޭސް ވިއްކާ މައްސަލަވެސް އިންޑިއާގައި މިހާރު ވަނީ ފެންމަތިވެފައެވެ. އެގޮތުން، ލައެސެންސް ނެތް ކުންފުނިތަކުން އުފައްދާ ބޭސްތައްވެސް މިހާރު އެ ގައުމުގައި ދަނީ ދައުރުވަމުންނެވެ. ބޭސް ފޮށީގެ ބޭރުގައި އިމްލާ ކުށް ހުންނަ، ފެންވަރު ދަށް އުފެއްދުންތައްވެސް ވިކެއެވެ. ނުވިތާކަށް އެކުނީގެ ހިލަމެއް، މާސިންގާ އިންޓަނެޓްގެ ކަނޑުގައިވެސް ނެތެވެ.

އޮކްސިޖަންއާ ބޭސް ސަޕްލައި ކުރާ މީހުންގެ ނަންބަރުތައް އިންޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުން ދާއިރު، މިއިން އެއްވެސް ނަންބަރަކީ ވެރިފައި ކުރެވިފައިވާ ނަންބަރެއް ނޫނެވެ. މި ގޮތަށް ދައުރު ކުރާ ބައެއް ނަންބަރުތަކަށް ފައިސާ ފޮނުވާ ހިސާބުން، އެ ފައިސާ ފޮނުވި މީހާގެ ނަންބަރު ބްލޮކް ކޮށްފައިވެސް އެބަހުއްޓެވެ. އެކަމަކު، އާއިލާގެ މެންބަރުގެ ފުރާނަ ސަލާމަތް ކުރުމަށް، ކޮންމެ މީހަކުވެސް ކުރެވެން އޮތްހާ ކަމެއް ކޮށްގެން، މި މަޅިތަކަށް ފެތެނީއެވެ.