3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެމައްސަލަ ހުށަހެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފާވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯޓްތައް ހެދުމުގެ މަސައްކަތް އެ ހިދުމަތުގެ ފަރާތުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެމައްސަލަ އަކީ ސީރިއަސް މައްސަލައަކަށް ވާތީ ތަހުގީގަށް ބޭނުންވާ ހެއްކާ، ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްދެތި އަޅަމުންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ކުޑަކުދިންނާ މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގުކުރާ މައްސަލަތަކަށް ވާތީ މިބާވަތުގެ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ލަސްދުކޮށް ފެމެލީއެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށާއިއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.